މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ދިފާޢީ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މި ޚިދުމަތަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ޚިދުމަތެކެވެ.
ދިފާޢީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ކުރިމަތިލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ޞިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނު ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ތަމްރީނަށް އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށްވެސް ޖާގަ ލިބިފައިވާ ގޮތާ ގުޅޭ ގޮތުން ދިފާޢީ ވުޒާރާގެ ފަރާތުން މަޢޫލޫމާތު ޙިއްސާކުރަމުން ގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އެގޮތުން ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މަޢުލޫމާތު ޙިއްސާކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.