ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި އެއްގަމު ތޮށީގެ ބައެއް ސަރަހައްދުތަކަކީ އާންމު އުޅަނދުފަހަރަށް ބޭނުން ނުކުރެވޭނެ، ޚާއްޞަ ސަރަހައްދުތަކެއްކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހަނދާންކޮށްދީފިއެވެ. މިގޮތަށް ހަމަޖެއްސީ ގައުމީ ސަލާމަތީ ކަންކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.
ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސްގެ ބޭނުންތަކަށް އެކަނި ޚާއްޞަކޮށްފައިވާ ބައެކެވެ. އެހެންކަމުން، މިއަދުން ފެށިގެން އެ ސަރަހައްދުގެ ތޮއްޓަށް ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި، އާންމުންގެ އެހެން އެއްވެސް ކަނޑު އުޅަނދެއް ކައިރިކުރުމަކީ މަނާކަމެކެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ކުރިއަށްގެންދާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ހެދި 700 މީޓަރުގެ އައު ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. މި މަޝްރޫޢުގެ ދަށުން މަގު ހަތަރު ލޭނަށް ފުޅާކޮށް، އައު އެއްގަމު ތޮށިލައި، ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.








