މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ބިދޭސީއަކު ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ. މިމީހާ ހާޒިރުކުރުމަށް ބޭނުންވެފައިވަނީ އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ދޭ ޗިޓު ރައްދުނުކުރެވޭތީއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިކަމަށްޓަކައި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީއެވެ.
ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ހޯދަމުންދަނީ 21 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ މިރު ރަހްމާންއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި އެމްޑީ މިރު ރަހްމާން މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ބޭނުންވެއެވެ.
ފުލުހުންގެ އިއުލާނުގައިވާ ގޮތުން، އެމްޑީ މިރު ރަހްމާން ހާޒިރުވުމަށް އަންގާފައިވަނީ 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 ގައި މާފަންނު ޕޮލިސް ސްޓޭޝަނަށެވެ.