ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭ: ރައީސް

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 12:58
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ލިޔުންތެރިންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ ކަމަށް.

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ އިންސާނާ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އެއްކަމަކީ އިޞްލާޙުކުރުމާއި، ކަންކަން ރަނގަޅުކުރުމާއި އެކަމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ. މިގޮތުން ކުރެވޭ ވަރަށް މުހިންމު އެއް ކަމަކީ ލިޔުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންސާނުންގެ ނަފުސުތަކާއި، މުޖުތަމަޢާއި، ޤައުމާއި ދުނިޔެ އިޞްލާޙުކުރުމަށްޓަކައި އެކި މައުޟޫޢުތަކުގައި ލިޔެ ޢިލްމު ފެތުރުން ކަމަށާއި، މި މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރިން ކަމަށެވެ.

"މިއަދަކީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ "އަލްއިޞްލާޙު" އެވެ. އެ މަޖައްލާ ބުނާ ގޮތުން އެ މަޖައްލާގެ މަޤުޞަދަކީ ތަފާތު އެކި ދާއިރާތަކުން ދިވެހި ޤައުމު އިޞްލާޙުކުރުމެވެ. ޚާއްޞަކޮށް، ދީނާއި އިޖުތިމާޢީ ދާއިރާއެވެ. އިޤުތިޞާދާއި ސިޔާސީ ދާއިރާއެވެ. ޢިލްމާއި ސަގާފަތާއި ތާރީޚުގެ ދާއިރާއެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި ޢިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް ކަމަށާއި، މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެފައިވާ ކަމަށެވެ. އަދި ލިޔުންތެރިންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރިންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރިންގެ އަމާނާތްތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އާ ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރިންގެ ލިޔުންތައް މުހިންމުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި ކަމަށާއި، އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރިންނަށް ކަމަށެވެ. ހަމަ އެހެންމެ، ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރިންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލިޔުންތެރިންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިސްބަތުގައި ނޯވޭ ކަމަށާއި، އެހެންކަމުން ލިޔުންތެރިންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ލިޔުންތެރިންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ ކަމަށެވެ. އަދި ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެންމެހައި ލިޔުންތެރިންނަށް މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

"އަޅުގަނޑު އެދެނީ، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމެވެ. ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ޤައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރެއްވުމެވެ. އާ ޚިޔާލުތަކާއި، އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވަމުން ވަނީ ދިވެހި ލިޔުންތެރިކަމަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްވުމަށާއި، ކުރިއެރުމާއި އަމަން އަމާންކަމުގައި މި ލޮބުވެތި ވަޠަން އަބަދުމެ ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%