މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާ މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ކަމަށެވެ.
މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ގިނަވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.