ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި މިހާތަނަށް 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މި ލޯނު ސްކީމް ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
މިފަހަރު މި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިތުރު ލުއިތަކާއެކުއެވެ. އެގޮތުން އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކްރެޓިޑް ހިސްޓްރީއަށް ބަލާ މުއްދަތު އެއް އަހަރުން ތިން މަހަށް ކުރު ކުރުން ހިމެނެއެވެ. އަދި ދޯނިތަކުގައި އަވިން ހަކަތަ އުފައްދާ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް މި ލޯނުގެ ދަށުން ފުރުޞަތުދެއެވެ.
ވުޒާރާއިން ބުނީ މި ލޯނަށް އެދި މިހާތަނަށް 69 މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 21 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކޮށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.
ވުޒާރާއިން ބުނީ މި ލޯނު ސްކީމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުތަކުން މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބޭތީ އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމެވެ.
މި ލޯނުގެ ދަށުން ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުޞަތު ލިބެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރުގެ މުއްދަތެއް ދެވެއެވެ.