ހޫނު ގަދަވެ ތުރުކީގައި ރޯވެ އަނދަނީ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 7 ޖުލައި 2025 15:18
ތުރްކީވިލާތުގެ އިޒްމީރު ޖަންގަލީގައި ރޯވެ އަނދަނީ.
ތުރްކީވިލާތުގެ އިޒްމީރު ޖަންގަލީގައި ރޯވެ އަނދަނީ.
ޚުލާސާ

ހޫނު ގަދަވެ 10 ދުވަސްތެރޭ ތުރުކީގެ 689 ސަރަޙައްދެއްގައި އަލިފާން ރޯވެއްޖެ. ހަފްތާ މެދުތެރޭގައި 40 ޑިގްރީ ސެލްސިއަށް ހޫނުމިން މަތިވާނެ.

މިއަހަރުގެ ހޫނު މޫސުން ފެށި، ފާއިތުވީ ދިހަ ދުވަސްތެރޭ ހޫނުމިން މަތިވުމުގެ ސަބަބުން ތުރުކީގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެއްޖެއެވެ.

ތުރުކީގެ ކަމާބެހޭ ފަރާތުން މިއަދު ބުނި ގޮތުގައި ހުސްވި މަހުގެ 28 އިން މިއަދާއި ހަމަޔަށް 689 އަލިފާނުގެ ހާދިސާ ރެކޯޑުކުރެވިފައިވެއެވެ.

އެގައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މިއަދުގެ ރިޕޯޓުގައިވާ ގޮތުން، ޖުލައި 4 ވަނަ ދުވަހާއި ހަމައަށް ހަފްތާއެއްގެ ތެރޭގައި 624 އަލިފާނުގެ ހާދިސާ ރެކޯޑުކުރެވިފައިވާއިރު، އޭގެ ފަހުން އިއްޔެއާއި އޭގެ ކުރީ ދުވަހު އިތުރު 65 ހާދިސާ ވަނީ ހިނގާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިހާރު ފެތުރެމުންދާ އަލިފާނުގައި މިހާތަނަށް އެންމެ ބޮޑަށް ހަލާކުކޮށްފައިވަނީ އިޒްމީރު ސަރަހައްދެވެ. އެއީ ފަތުރުވެރިންގެ މަންޒިލެކެވެ. އެ ސަރަހައްދުގައި ފެތުރެމުންދާ އަލިފާންގަނޑު، ވައި ގަދަވުމުގެ ސަބަބުން ގަޑިއަކު 65 ކިލޯމީޓަރުގެ ބާރުމިނުގައި ފެތުރިގެން ދެއެވެ. މި ހާދިސާގައި ގާތްގަޑަކަށް 15,000 ހެކްޓަރުގެ ބިން އަނދާ ހުލިވެފައިވާއިރު، 50,000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި ކަމަށާއި، މި ހާދިސާގައި ދެމީހުން މަރުވެފައިވާ ކަމަށް އެޤައުމުން ބުނެއެވެ.

ތުރުކީގައި ފެތުރެމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގައި ރައީސް އެރްދޮޣާންގެ ސަރުކާރުން ވަރަށް ކާމިޔާބުކަމާއެކު މިހާތަނަށް 621 ސަރަޙައްދު މުޅީން ކޮންޓްރޯލް ކޮށްފައި ވެއެވެ. ވައިގެ މަގުންނާއި އެއްގަމުމަގުން މިވަގުތު ވެސް ދަނީ އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަމުންނެވެ.

ހަފްތާގެ މެދާއި ހަމައަށް އެޤައުމުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%