ފަރީދުގެ މިސްކިތް ބިނާކުރުމަށް ސަރުކާރުން 27,000 އަކަފޫޓުގެ ބިމެއް ދީފި

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 7 ޖުލައި 2025 14:07
ޝޭޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ޚިދުމަތް ޖަމްޢިއްޔާ އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގެތެރެއިން.
ޝޭޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ޚިދުމަތް ޖަމްޢިއްޔާ އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގެތެރެއިން.
ޚުލާސާ

މިސްކިތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ގޮތް ނިންމާނީ އެޗްޑީސީން.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ޚިދުމަތް ޖަމްއިއްޔާއިން އިސްނަގައިގެން ޢިމާރާތް ކުރަން ނިންމާފައިވާ މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް ސަރުކާރުން 27000 އަކަފޫޓުގެ ބިމެއް ކަނޑައަޅައިދިނުމަށް ނިންމައިފިއެވެ. މިކަމުގައި ގޮތް ނިންމާނީ އެޗްޑީސީންނެވެ. އެޗްޑީސީން މިސްކިތް އިމާރާތްކުރުމަށް ބިން ކަނޑައަޅައި ހުއްދަ ދޭނީ ކުރެހުން ވެސް ފައިނަލް ވުމަށްފަހު އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، މިސްކިތް ބިނާކުރުމުގެ މަސައްކަތަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ވަނީ ޔަޤީންކަން ދެއްވާފައެވެ. މިސްކިތް ބިނާކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެމްއޭއިން ބޭންކު ރޭޓުން ޔޫއެސްޑީ ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ބުނީ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިސްކިތް ހިލޭ ކުރަހައިދޭނެ ތަޖުރިބާކާރު ފަރާތެއްވެސް މިހާރު ވަނީ ލިބިފައި ކަމަށާއި، މި މަޝްރޫޢާއި ގުޅޭ އެއްބަސްވުން (އެމް.އޯ.ޔޫ) ގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ބޭނުންވާ ތަކެތި ޑިއުޓީ ފްރީކޮށް ގެނައުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ.

ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން އިއްޔެ ވަނީ ޕާކިސްތާނުގައި ވެސް މިސްކިތެއް އެޅުމަށްޓަކައި، އެ މިސްކިތުގެ ބިންގާ އަޅާފަ އެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ޕާކިސްތާނުގައި މިސްކިތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއޯޔޫގައި ސޮއި ކުރުން. / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ

ޚިދުމަތް ޖަމްޢިއްޔާގެ ޕްރޮޖެކްޓްތައް ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ ކުރުމަށްޓަކައި ޕާކިސްތާނުގެ އަލް-ޚިދުމަތާއި އެކުގައި މި ހަފްތާގައި ވަނީ އެމް،އޯ،ޔޫ އެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ.

މި ގޮތުން މިސްކިތް ބިނާކުރުމާއި، ފެންވަޅުތައް ހެދުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވިގެން ދާނެއެވެ.

އެ ޖަމްޢިއްޔާގެ ފަރާތުން ގެންދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%