ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް މަޝްހޫރު ދިވެހި މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" މިއަދު ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން ހުރިހާ ޝޯއަކާއި އިވެންޓެއްގައި އެ ބޭންޑުން ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެ ކަމަށެވެ.
އެމްއެމްޕީއާރުސީން ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.
މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ސަގާފީ ގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބާރުވެރިކުރުވުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"ޓޫ އޮފް އަސް"ގެ އިތުރުން އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"ޓޫ އޮފް އަސް" އަށް "ބްރިޓަންސް ގޮޓް ޓެލެންޓް 19"ގެ އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތު ވެސް މިހާރު ލިބިފަ އެވެ. އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އެ އޮޑިޝަންގައި ވެސް އެ ބޭންޑުން ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.