ތުރުކީގެ އިސްތާންބުލްގައި ބާއްވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025"ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތާއި އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު, ދަ ޖެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އިން ހިއްސާކޮށްފައިވާ ކަމަށެވެ.
އެ އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް, މާކެޓްކުރުމަށް ލިބޭ ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އަދި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބޭނެ އެވެ.
ހަލާލް އެކްސްޕޯއަކީ ހަލާލް ކާބޯތަކެއްޗާއި ޓޫރިޒަމާއި ރީތިވާ ސާމާނު ފަދަ އެކި ދާއިރާތަކުގައި ހިންގާ ކުންފުނިތަކާއި އިންވެސްޓަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް އެއްވާ ބައިނަލްއަގުވާމީ ފެއާއެކެވެ.
އެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 26 އިން 29 އަށެވެ.