ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މި މަހުގެ 13 އިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށް ފަހުގައި ކަމަށެވެ. އެހެންވެ, މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި، މިނިސްޓްރީގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުއްދައަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށް ބުންޏެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާހުކޮށް މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
އެ ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެކުރާ ނަމަ, ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ބަޔަށް އަމަލުކުރުން ފަށާ ގޮތަށް ކަނޑައަޅަފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީ އާއި އުޅަނދާ ބެހޭ އެކިއެކި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.