ރޭ ދަންވަރު އިޒްރޭލްގެ ޖެޓްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ޔަމަނާއި ލުބުނާނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.
ޔަމަނުގައި ޙަރަކާތްތެރިވަމުންދާ އީރާނުން ތާއީދުކުރާ ހޫޘީންނާއި އަދި ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ދިން ޙަމަލާތަކުގެ ބޭނުމަކީ އެ ޖަމާޢަތްތަކުގެ އަސްކަރީ ޤާބިލްކަން ނައްތާލުން ކަމަށް އިޒްރޭޭލުން ބުންޏެވެ. ލަފާ ކުރެވޭ ގޮތުގައި އިޒްރޭލުގެ ބޭނުމަކީ އީރާނާއި ގުޅުން އޮންނަ މެދުއިރުމަތީގެ ބާރުތައް ނައްތައިލައި އެއަށްފަހު އީރާނާއި ސީދާ ކުރިމަތިލުމަކަށް ދާށެވެ.
ޔަމަނަށް ދިން ޙަމަލާތަކުގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް (ފައިލް ފޮޓޯ)
މެދުއިރުމަތީގެ މަސްދަރުތަކުން ބުނާ ގޮތުގައި ރޭ ދަންވަރު އިޒްރޭލު ވައިގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގައި އުފައްދާފައިވާ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން ޙޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ބަނދަރުތަކަށް ޙަމަލާ ދީފައެވެ. މިގޮތުން ޙުދައިދާ، ޢީސާ އަދި ސަލީފް ބަނދަރުތަކުގެ އިތުރުން ޚަޠީބް ކަރަންޓް ސްޓޭޝަނަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.
ރޭ ޔަމަނަށް ދިން ހަމަލާތަކުގައި މަދުވެގެން 14 މީހުން މަރުވެ ނުވަތަ ޝަހީދުވެފައިވެއެވެ. މީގެ އިތުރުން ތެޔޮ ރައްކާކުރާ ތިން ތަނެއް އަންދާލާފައިވާ ކަމަށާއި، ޔަމަނުގެ ގިނަ އަދަދެއްގެ މިސައިލް ލޯންޗަރުވެސް ނައްތާލާފައިވާ ކަމަށް މެދުއިރުމަތީގެ ޚަބަރުތަކުން ކަށަވަރު ކުރެއެވެ.
ޔަމަންގެ ރަސްމީ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ރޭ ދިން މި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
ރޭ ހަމަ އެވަގުތު އިޒްރޭލުން ދިޔައީ ލުބުނާނަށްވެސް އެމެރިކާގެ ޖެޓުތަކުން ޙަމަލާ ދެމުންނެވެ. ލުބުނާނަށް ދިން ޙަމަލާތަކުގައި އިޒްރޭލުން ވަނީ ގިނަ ޢަދަދެއްގެ ޑްރޯން ވެސް ބޭނުން ކޮށްފައެވެ. އެގޮތުން ލުބުނާނުގެ އެކި ސަރަހައްދުތަކުގައި އިޒްރޭލްގެ ޑްރޯންތައް ޙަރަކާތްތެރިވި ކަމަށާއި ޙިޒްބުﷲގެ އުޅަނދުތަކަށް ހަމަލާދީފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ބިންތު ޖުބައިލް، ޝަބާ އަދި ބައިރޫތްގެ ބޭރުގައިވާ ޚަލްދާ ހައިވޭގައި ހިމެނޭ ސަރަހައްދުތަކަށް ވަނީ ހަމަލާ ދީފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، މި ހަމަލާތަކުގައި ޙިޒްބުﷲގެ ހަތަރު މީހުން މަރުވެ ނުވަތަ ޝަހީދުފައިވާއިރު، އޭގެ ތެރޭގައި ޙިޒްބުﷲގެ ހަތިޔާރު އުފުލާ މުހިންމު އިސް މީހެއް ވެސް ހިމެނެއެވެ. އަދި އިތުރު ފަސް މީހުން ޒަޚަމްވެފައިވެއެވެ.
އިޒްރޭލްގެ ދިފާޢީ ބާރުން ބުނާ ގޮތުގައި، ޙިޒްބުﷲގެ ދެ ރޮކެޓް ލޯންޗް ސައިޓާއި ހަތިޔާރު ރައްކާކުރާ ގުދަނެއް ވެސް ވަނީ ނައްތާލާފައެވެ.
އިޒްރޭލުން މަސައްކަތް ކުރަމުންދަނީ މުޅި މެދުއިރުމަތީގެ ކޮންޓުރޯލް ނެގުމަށެވެ. އެމެރިކާ އަޑީގައި އޮވެގެން ހިންގާ މި ޖަރީމާގައި ސޫރިޔާ ވެސް މިހާރު ވަނީ އިސްރާއީލަށް ގާތްގަނޑަކަށް ބައިޢަތު ހިފާފައެވެ.