އިސްރާއީލުން ލުބުނާނުގެ ދެކުނާއި އިރުމަތީގައިވާ ޙިޒްބުﷲގެ އަސްކަރީ މަރުކަޒުތަކަށާއި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. މިވަގުތު ވެސް ބޮން އަޅަމުންދާއިރު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ޙަމަލާތައް ދިނުމުގެ ބޭނުމަކީ ޙިޒްބުﷲގެ އަސްކަރީ އާރާއިބާރު މުޅިން ނައްތާލުމަށް ކަމަށް ބުނެފައެވެ.
ޚަބަރުތައް ލިބޭ ގޮތުގައި ލުބުނާނުގެ ދެކުނުގައި ބާރުގަދަ ގޮވުންތަކުގެ އަޑު މިވަގުތުވެސް އެބަ އިވެއެވެ. އަދި އިސްރާއީލުގެ މަތިންދާބޯޓުތައް ވަރަށް ތިރިން ދަތުރުކުރި މަންޒަރު ވެސް ފެނިފައިވާ ކަމަށް ޢާންމުންނާއި ޙަވާލާދީ މެދުއިރުމަތީގެ ޓީވީ ޗެނަލަކުން ދެންމެ ބުންޏެވެ. ނަމަވެސް ޙަމަލާގައި އެއްވެސް މީހަކު ޝަހީދުވިކަމެއް ނުވަތަ މަރުވި ކަމެއް ބުނެފައެއް ނުވެއެވެ.
ޙިޒްބުﷲއިން މީގެ ކުރިން ބުނެފައި ވަނީ އިސްރާއީލުން ލުބުނާނުގެ ހުރިހާ ބިމަކުން މުޅީން ފައިބައިގެން ދަންދެން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި، އިސްރާއީލުގެ ޣައިރުޤާނޫނީ ބާރުގެ ދަށަށް ލުބުނާނުގެ ބިން ގެނެސްފައިވާތީ، އެކަމާއި ދެކޮޅަށް ހަނގުރާމަ ކުރަނީ ލުބުނާނުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމަށް ކަމަށެވެ.
އިސްރާއީލުގެ ޖެޓްތަކުން މިރޭ ކުއްލިޔަކަށް މި ޙަމަލާތައް ދޭން ފެށިއިރު، އެމެރިކާގެ ޑިޕްލޮމެޓް ޓޮމް ބެރެކް މި ހަފްތާގައި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.