އެމެރިކާގެ ޓެކްސަސްގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި ގިނަ ބަޔަކު މަރުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ޓެކްސަސްއަށް ކުރިމަތިވި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް މިއަދު ފޮނުއްވި ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި ކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، މި ކާރިސާގެ އަސަރުކުރި އެންމެނާ ބައިވެރިވެ ހިތާމަފާޅުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މިހާރު ކުރިއަށް ގެންދާ މީހުން ސަލާމަތްކުރުމާއި އެހީތެރިކަމުގެ މަސައްކަތްތައް ކާމިޔާބުވެ، މި ކާރިސާގެ އަސަރުކުރި ސަރަހައްދުތައް އަވަހަށް އާރާސްތުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ޓެކްސަސްއަށް ކުރި ވިއްސާރާގައި އެ ސްޓޭޓުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ހިނގި ކާރިސާގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 27 މީހަކު ވަނީ ގެއްލިފަ އެވެ.