ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރުން ހޯދަނީ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 6 ޖުލައި 2025 15:02
ރާއްޖޭގެ ރިސޯޓެއްގައި ހިންގާ އަންޑަވޯޓާ ރެސްޓޯރެންޓެއް / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ރިސޯޓެއްގައި ހިންގާ އަންޑަވޯޓާ ރެސްޓޯރެންޓެއް / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޚުލާސާ

އެމްއެމްޕީއާރުސީން ބުނީ އެ ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށް.

ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރުން ހޯދަން އެމްއެމްޕީއާރުސީން މިއަދު އިއުލާންކޮށްފި އެވެ.

އެމްއެމްޕީއާރުސީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ މީހުންގެ އުފެއްދުންތައް މުޅި ދުނިޔެއާއި ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައާރަފުކުރާ ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، އެ ޕްރޮގްރާމްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ގުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަންނާނުން އެ މީހެއްގެ ވަނަވަރާއި ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހުށަހަޅާ ހިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯސަލްއެއް ތައްޔާރުކޮށް [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%