ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތައާރަފުކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީން ހައުސްތައް ހަދައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އެއީ މިނިސްޓްރީ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ކަހަލަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީން ހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަށްތަކަކީ، ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ވައިކަރަދޫ، ހއ. ކެލާ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ށ. ނަރުދޫ، ށ. ގޮއިދޫ އަދި ށ. ފޯކައިދޫ އެވެ.
ގްރީން ހައުސްތައް ހަދައި, ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރިކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައް ވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.