ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސްޕެއިނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4)ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެވަޑައިގެންފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެފްއެފްޑީ4 ހުޅުވުމުގެ ރަސްމިއްޔާތާއި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ އެ ކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓަނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް"ގައި ތަގުރީރުކުރައްވައިފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާހުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި އިންސާފުވެރިކަމާއެކު ކްރެޑިޓް ރޭޓިން ދިނުމަށް ގޮވާލައްވާފައިވެ އެވެ.

އެ ދަތުރުފުޅުގައި ރާއްޖެއިން އިސްނަގައިގެން އެ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ސަރުކާރުގެ އެހެން އިސް ބޭފުޅުން ވެސް ވަނީ އެ ކޮންފަރެންސްގައި ބޭއްވި މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ކޮންފަރެންސް ކުރިއަށް ގެންދިޔައީ މިދިޔަ މަހު 30 އިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.