ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ޓާމިނަލް ދުބާއީގެ އޭވިއޭޝަން ކުންފުނި ޖެޓެކްސްއާ ހަވާލުކުރާ ކަމަށް ބުނާ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފި އެވެ. އެފަދަ ނިންމުމެއް ނިންމާފައި ނުވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ސާފުކޮށްދެއްވައި، ވީއައިއޭގެ ހުރިހާ ޓާމިނަލް އޮޕަރޭޝަންތަކެއް ފުރިހަމައަށް އެމްއޭސީއެލްގެ ކޮންޓްރޯލްގައި އޮތް ކަމަށް ފާހަގަކުރެއްވި އެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ މީގެ ހަ އަހަރު ކުރިން ޖެޓެކްސް އިން ހުށަހެޅި ޕްރޮޕޯސަލަކާއި ގުޅޭ ގޮތުން މިފަހުން ބަޔަކު ވާހަކަތަކެއް ފަތުރައި ޖެޓެކްސް އަށް އެއާޕޯޓުގެ ޖެޓް އޮޕަރޭޝަންތައް ކުއްޔަށް ދިނުމަށް އުޅެނީ ކަމަށް ބުނެ ބަޔަކު ފަތުރަމުންދުޔަ ދޮގު ވާހަކަތަކަކާއި ގުޅިގެންނެވެ.
މީގެ ކުރީގެ ވެރިކަންތަކުގައި ޤައުމީ އެއާޕޯޓަށް ވަރަށް ގިނަ ބޭރުގެ ކުންފުނިތަކުން ޕްރޮޕޯސަލްތައް ލިބިފައި ވެއެވެ. އޭގެއިން އެއް ހުށަހެޅުމުގައި 25 އަހަރު ދުވަހުގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހެދުމާއި ރެމްޕް ޕާކިން ޖާގައަށް ލުއި އެއްބަސްވުމަކާއި، އަހަރަކު މަދުވެގެން 5 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ދެއްކުން ވެސް ހިމެނޭ ކަމަށް ވެއެވެ. އަދި ޒަމާނީ ވީއައިޕީ ޓާމިނަލާއި ގްރައުންޑް ހެންޑްލިންގެ ހިދުމަތް ދިނުމަށް ހުށަހަޅާފައިވާއިރު، މީގެކުރިން އެމްޑީޕީ ސަރުކާރުން ވަނީ އިންޑިއާ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރު އަށް މުޅި އެއާޕޯޓުގެ ހުރިހާ ކޮންޓުރޯލެއް “ވިއްކާލާފަ”އެވެ.
އެމްއޭސީއެލް އިން ބުނެފައި ވަނީ ޕްރޮޕޯސަލްތަކަކީ އެކި ކުންފުނިތަކުން އާންމުކޮށް ލިބޭ ޕްރޮޕޯސަލްތަކެއް ކަމަށާއި ޕްރޮޕޯސަލް ލިބުމުން އެ ޕްރޮޕޯސަލްގައި އޮތް އެއްޗެއް ކިޔައިލުމަކީ ބަޔަކަށް އެއާޕޯޓުން އެންމެ އިންޗިއެއް ވެސް ކުއްޔަށް ދިނުމެއް ނޫނެވެ.
އެމްއޭސީއެލް އިން ބުނީ ޖެޓެކްސް ވެސް އަދި ބޭރުގެ އެއްވެސް ފަރާތަކަށް ވީއައިއޭ ޓާމިނަލްތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް ލިބެމުންދާ ކަމަށް ބުނާ އެއްވެސް ސިޔާސަތެއް އެކުންފުނިން ނުގެންގުޅެއެވެ.
އެމްއޭސީއެލް އިން މިހާރު ފޯކަސް ކުރަނީ މި މަހުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ އާ އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލް ނިންމުމަށެވެ. މިއީ އެއާޕޯޓްގެ ހިދުމަތް ފުޅާކޮށް ޤައުމަށް ލިބޭ ޢާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.
ބޭރުގެ އެއްވެސް ހުށަހެޅުމަކާއި މެދު ވަރަށް ފަރުވާތެރިކޮށް ބެލުމަށްފަހު ނޫނީ އެއްވެސް ކަމެއް ސަރުކާރުން ފައިނަލެއް ނުކުރާނެއެވެ. ޚާއްޞަކޮށް ވީއައިއޭ ފަދަ ގައުމީ މުދާތައް ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.