ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފިއެވެ.
މި ތަމްރީނުތައް މުވައްޒަފުންނަށް ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިންނެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ފަސިންޖަރުންގެ ބޯޑިން ބްރިޖުތައް އޮޕަރޭޓުކުރުމަށް މިހާތަނަށް 46 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީނުކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށެވެ.
މެލޭޝިއާއިން ތަމްރީނު ހޯދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި މި މަސައްކަތަށް އިތުރު މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން ދާއިރާގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަޙުލުވެރިކުރުވުމާއި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
މި މުވައްޒަފުން ވަނީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމުގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއް ވެސް ހަދާފައި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރިކަމާއެކު މަތިންދާބޯޓުން ޓާމިނަލަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން މަތިންދާބޯޓާއި ޓާމިނަލާ ސީދާ ގުޅުވާލާއިރު، އޭގެ ސަބަބުން ބަސް ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ. މި ޚިދުމަތަކީ ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ޚިދުމަތެކެވެ.