ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 92 ޕަސެންޓް އިތުރުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އެ ކުންފުނީގެ މުއާމަލާތައް ހުރީ ވަރަށް ރަނގަޅަށެވެ. އެ މުއާމަލާތްތައް ހުރީ އިންޓަނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިން ސްޓާންޑަޑްސް (އައިއެފްއާރުއެސް)ގެ އެކައުންޓިން ހަމަތަކާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި، އެމްޑަބްލިޔުއެސްސީއަށް 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 113,501,276ރ. ލިބުނުއިރު، މިދިޔަ އަހަރު ވަނީ 217,481,635ރ. ލިބިފަ އެވެ. އެއީ، 92 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްޑަބްލިޔުއެސްސީއަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 2023 ވަނަ އަހަރު 1.54 ބިލިޔަން ރުފިޔާގައި ހުރި އިރު، އެ އަދަދު މިދިޔަ އަހަރު ހުރީ 1.57 ބިލިޔަން ރުފިޔާގަ އެވެ. އަދި ކުންފުނީގެ ޖުމްލަ މުދަލުގެ އަގު 3.6 ބިލިޔަން ރުފިޔާއަށް އަރަ އެވެ.
އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށާއި ބައެއް ރަށްރަށަށް ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ.