ހަލާކުކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ރިބާ ހިމެނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ ރިބާއަކީ އުޚުރަވީ ޙަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނޭ ކަމެއް ކަމަށެވެ.
އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުޢާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާއިރު، އިންސާނާގެ ޙަޔާތުގައި ދޭދޭފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދުވެސް ފަރުވާތެރިވާން ޖެހޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން މާލީ މުޢާމަލާތުތަކަކީ، އެ ކަމާ މެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިޤުތިޞާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭކަމަށް ޚުޠުބާގައި ބުންޏެވެ.
މީގެ ކުރީން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގަން ޖެހުނު ކަމުގައި ވިޔަސް، މިއަދު އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް މި ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތަޢާރަފުވެފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި އިސްލާމީ ޝަރީޢަތާ އެއް ގޮތަށް މާލީ މުޢަމަލާތު ހިންގޭނެ މަގު ތަނަވަސްވެފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
އިސްލާމް ދީނުގައި ރިބާގެ ހުރިހާ މުޢާމަލާތުތަކެއް ޙަރާމްކުރައްވާފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.
ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރިވާކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން، ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، އެ އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، އެ އެންމެންނަށް ﷲގެ ލަޢުނަތް ހުރިކަމަށް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ މި އުންމަތަށް އިންޒާރުކުރައްވާފައި ކަމަށް ޚުޠުބާގައި ބުންޏެވެ.
އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.