ދިވެހިރާއްޖެއަކީ ކާބޯތަކެތިން ފެށިގެން ހިފާގެންގުޅޭ ސާމާނާއި ދިރިއުޅުމަށް ބޭނުންވާ ހުރިހާއެއްޗެއްހެން އިމްޕޯޓު ކޮށްގެން އުޅޭ ޑޮލަރަށް ނުހަނު ބޮޑަށް ބަރޯސާ ވެފައިވާ ޤައުމެކެވެ. ރާއްޖެއަށް ބޭރުފައިސާ ވަންނަ މައިގަނޑު ދޮރާއްޓަކީ ފަތުރުވެރިކަމެވެ. މިޤައުމުގައި ހުރި ރިސޯޓު ތަކާއި ގެސްޓްހައުސް އަދި ސަފާރީ ތަކުގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ. ރާއްޖޭގެ ރިސޯޓު ތަކަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑު އަގުގައި ވިއްކާ ކޮޓަރިތައްހުރި ރިސޯޓު ތަކެވެ. ހަމަ އެއާއިއެކު ދެކުނު އޭޝިޔާގައި ބޮލަކަށް ޖެހޭ ޢާމްދަނީ އެންމެ މަތި ޤައުމަކީވެސް ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެއަށް ވަންނަ ބޭރުފައިސާގެ ޢަދަދު މަދުނޫންކަމާއި ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުން ދާއިރު ދިވެހިރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ޢަދަދު އިތުރުވަމުން ދާކަން ގިނަ ބަޔަކު އެއްބަސްވެއެވެ. ކަން މިހެން އޮތްއިރު މިޔޮތް ހުރިހާ ދުވަހު ދިވެހިރާއްޖޭގެ ބޭރުފައިސާގެ މައްސަލައަށް އެއްވެސް ޙައްލެއް ނުލިބި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުން އުފުލަންޖެހޭ ވޭނާއި ތަދު ބޮޑުވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ މައްސަލަ އަށް ހައްލެއް ނުލިބުނު ތަނުގައި މައްސަލަ ދުވަހުން ދުވަހަށް އިތުރަށް ގޯސްވަމުން ދިމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއްތޯ ވިސްނާލުން މުހިއްމެވެ؟ މިކަމުގައި މިއަދު އަޅުގަނޑުމެންގެ އެންމެ ގިނަބަޔަކަށް އެއްބަސްވެވޭ ކަމަކީ ބޭރުފައިސާގެ މައްސަލާގައި މިއުޅެނީ ރެގިޔުލޭޓްކޮށް ޤަވާޢިދުތަކާއި އުސޫލުތައް ރަނގަޅަށް ތަންފީޒު ކުރުމުގައި ހުރި މައްސަލަތަކެއް ކަމެވެ. ޑިމާންޑާއި އެއްވަރަށް ޑޮލަރު ރާއްޖެއަށް ނުލިބެނީ ނޫންކަމާއި އޭގެ ބަދަލުގައި ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޑޮލަރު ވައްދާ މިންވަރު އިންތިހާއަށް މަދުކޮށް ބްލެކް މާކެޓުން ބޮޑުފައިދާއެއް ހޯދުމުގެ މަޤްޞަދުގައި ގަސްދުގައި ބަޔަކު ބޭރުފައިސާގެ މާކެޓަށް ޑޯލަރުގެ ސަޕްލައި ބޮޑުތަކުން ލިމިޓް ކޮށްގެން އުޅޭ ކަމަކީ އެންމެން ދަންނަ ޙަޤީގަތެކެވެ. ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ (ގަނެވިއްކުމަށް ބޭނުންކުރާ ފައިސާ) އަކީ ދިވެހި ރުފިޔާކަމަށް ވިޔަސް ދިވެހިރުފިޔާގެ ބަދަލުގައި މުއައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުންފަދަ އެތެރޭގެ ފައިސާގެ މުޢާމަލާތްތަކަށްވެސް ރާއްޖޭގައި ޑޮލަރު ބޭނުންކުރާ މިންވަރު ދަނީ މައްޗަށެވެ. ހަމަ މިއާއިއެކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޢަދަދު 200000 އާއި ކައިރި ކުރާއިރު ބިދޭސީން ކޮންޓްރޯލް ކުރާ ވިޔަފާރިތައްވެސް ދަނީ އިތުރުވަމުންނެވެ. މިދެންވި ފަރާތްތަކުން ކޮންމެ މަހަކު އެތައް މިލިޔަން ޑޮލަރެއް ރެމިޓެންސާއި ވިޔަފާރީގެ ފައިދާގެ ގޮތުގައި ރަސްމީ ޗެނަލްތަކުންނާއި ނުރަސްމީ "ޙަވާލާ ސިސްޓަމް"ގެ ތެރެއިން ޤައުމުން ބޭރުކުރާކަމާއި ދިވެހިންގެ ތެރެއިން ގިނަބަޔަކު މިއަދު ބޭސްފަރުވާ އަށާއި، ކިޔެވުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށް ދަތުރުކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމީ މިއަދު ފެންނަން އޮތް ޙަޤީޤަތެވެ. މިއަދު ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރުގެ މަލްޓިނޭޝަނަލް ބްރޭންޑް ތަކަށް ނިސްބަތްވާ މެޖޯރިޓީ ޙިއްޞާ މިދެންނެވި ކުންފުނި ތަކުގައި އޮތް ވިޔަފާރިތަކަށް ވާއިރު މިދެންނެވި ކުންފުނި ތަކުން ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ ހުރިހާ ބޭރުފައިސާގެ އާމްދަނީއެއް ދިވެހިރާއްޖެއިން ބޭރަށް ގެންދާއިރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރެމިޓެންސާއި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެވެސް ވަކި މިންވަރެއް ނޫނީ އެޤައުމުތަކުން ބޭރަށް ނުފޮނުވޭ ގޮތަށް ހަރުދަނާ އުސޫލުތައް ހެދިފައި ހުރެއެވެ. ގިނަ ބަޔަކު އަތުގައި މިއަދު ޑެބިޓް އަދި ކްރެޑިޓް ކާޑު އޮތުމުން އޮންލައިންކޮށް ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރި ކުރާމިންވަރުވަނީ އިންތިހާއަށް މަތިވެފައެވެ. މަތީގައި ފަހަގަ މިކޮށްލި ކަންތައްތަކަކީ ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެގެންދާ ބައެއްސަބަބުތަކެވެ.
ދުނިޔޭގެ ކާމިޔާބު އިޤްތިޞާދުތައް ނިސްބަތްވާ ޤައުމުތަކަށް ބެލުމުން އަޅުގަނޑުމެނަށް ފެންނަން އޮތް ހަޤީގަތަކީ ބޭރުފައިސާގެ ބާޒާރަކީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ވަރަށް ރަނގަޅަށް ރެއގިއުލޭޓް ކުރެވިގެން ހިންގަންޖެހޭ ކަމެއްކަމެވެ. ޚާއްޞަކޮށް ކުރިން ދެންނެވިހެން ދިވެހިރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްގައި މިކަމުގެ މުހިއްމުކަން ނުހަނުބޮޑެވެ. އެހެނަސް އެތައްޒަމާނެއް ވީއިރުވެސް، ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ދިވެހިރާއްޖޭގައި މިކަން އޮތީ އެއްވެސް ވެރިޔަކަށް އަތްލަން ނުކެރޭ ފާރުގަނޑަކަށްވެފައެވެ. ފާރުގަނޑު ބޮޑުވެ ކެންސަރަށް ބަދަލުވުމުގެ މަގުމަތީގައެވެ. ގިނަބަޔަކު އެއްބަސްވާނެ ހަޤީގަތަކީ ދިވެހިރާއްޖޭގެ ޑޮލަރުގެ ބާޒާރު ކޮންޓްރޯލް ކުރަމުން އައީ ބްލެކް މާކެޓުގައި ރައްޔިތުންނަށް ޑޮލަރުވިއްކައިގެން ފައިދައި ހޯދަމުން އައި ފަތުރުވެރިކަމުގެ ވިޔަފާރިވެރިންކަމާއި އެމީހުންގެ އެޖެންޓުން ގޮތުގައި މިލިޔަނުން ޑޮލަރު ގެންގުޅެމުން އައީ ބިދޭސިންކަމެވެ.
މިއަދު ރައީސް ޑރ. މުއިއްޒު ޤައުމުގެ ހައްޤުގައި ނިންމެވި އެންމެ ބޮޑު އެއް ނިންމެވުމަކީ މިދެންނެވި ވަކިތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް އެތައް ފިއްތުން ތަކެއްގެ ކުރިމަތީގައި ބޭރުފައިސާއާއި ބެހޭ ޤަވާޢިދާއި އުސޫލުތަކަށް ބަދަލުގެންނަވައި ބެންކަށް ވަކި ޢަދަދަކަށް ޑޮލަރު މާރުކުރަން ނިންމެވި ނިންމެވުމެވެ. ރައީސް ޑރ. މުއިއްޒަށްވެސް ވިޔަފާރިވެރިން އަތުން "ކަޓު" ނަގައިގެން ވިޔަފާރިވެރިންނާއި ޑީލް ހަދައިގެން ކުރިން ދެންނެވިހެން ފާރުގަނޑު ކެންސަރަށް ބަދަލުވެ ޤައުމުގެ އިޤްތިޞާދު ފުނޑިގެންދާން ދޫކޮށްލައިގެން ހުރުން މާބޮށްވެސް ބޮލަށް ފަސޭހަވާނެއެވެ. ނަމަވެސް އެމަނިކުފާނު އެއްވެސް ބިރެއް ޖެހިލުމެއްނެތި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދަންނަވަމުން އައީ އެންމެންގެ މައްޗައް ޑޮލަރު މާރުކުރުމުގެ ޤަވާޢިދު ތަންފީޒް ކުރައްވާނެކަމާއި އެކަމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމެވެ. ރައީސް މިއަދު އެވަނީ ބަހާއި ޢަމަލުން އެކަން ސާބިތު ކޮށްދެއްވައިފައެވެ. އެދުވަހު މިޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިން ބުނަމުން އައީ ބެންކަށް ޑޮލަރު މާރު ކުރަން ޖެހުމުން އެމީހުންގެ ވިޔަފާރި ހުއްޓި ރިސޯޓުތައް ބަންދުކުރަން ޖެހިދާނެ ވާހަކައެވެ. އެހެނަސް ދިވެހިރައްޔިތުން ޤަބޫލުކުރީ އެއީ ހަޤީޤަތެއްނެތް ވާހަކައެއްކަމާއި އަދި ރައީސްގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމެވެ.
ހަމަބުއްދި ބޭނުންކޮށްގެން ވިސްނާލުމުން ސާފުކޮށް އެނގެނީ ޤައުމަކަށް ވަންނަ ބޭރުފައިސާ އެއީ ރަސްމީ ބޭންކިންގ ނިޒާމުގެތެރެއަށް ނުވަދެ އޭގެ ބޭރުން މުޢާމަލާތް ކުރެވޭ އެއްޗަކަށް ވެއްޖެނަމަ ސަރުކާރަކަށް އޭގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓުންވާނީ އުނދަގޫ ކަމަކަށް ވާނެ ކަމެވެ. ދުނިޔޭގެ ޤައުމުތަކުގައި އިޤްތިޞާދުތައް ހިންގަނީ އެގައުމެއްގެ ފައިސާއަށް އިސްކަންދީގެންނެވެ. ޤައުމުގެ ތެރޭގެ ފައިސާގެ މުޢާމަލާތް ތަކުގައި އެޤައުމެއްގެ ފައިސާ ބޭނުން ކޮށްގެންނެވެ. މިސާލަކަށް އަޅުގަނޑުމެން އިންޑިޔާއަށް ބޭހަށްގޮސް އުޅޭއިރު އަތުގައި ހުންނަ ރުޕީސް ހުސްވީމަ ފިހާރައިގެ ސޭޓަށް ޑޮލަރު ދިއްކޮށްލީމާ އޭނާ އެޑޮލަރު ބޭނުމެއް ނުކުރެއެވެ. ބުނަނީ ޑޮލަރު މާރުކޮށްފައި ރުޕީސް ހިފައިގެން އައުމަށެވެ. އަހަރެމެންގެ ޤައުމުގައި އޭގެ އިދިކޮޅޭވެ. ޑޮލަރެއް ފެނުމުން ކަޅިއަރައިގެން އަވަހަށް ގެނޭ މަށަށް މަށަށް ކިޔައެވެ. ދިވެހި ރުފިޔާއަކީ މިއަދު އަހަރެމެނަށް މާ މުހިއްމު އަގުހުރި އެއްޗަކަށް ނުވެއެވެ. އެންމެން ޑޮލަރު ފަހައި ދުވަން ވެއްޖެނަމަ ޑޮލަރުގެ އަގު ދުވަހަކުވެސް ދަށެއް ނުވާނެއެވެ. އޭގެ ބަދަލުގައި ހައްތާ ޑޮލަރުގެ އަގު ދާނީ މައްޗަށެވެ. މިއަދު ރާއްޖޭގެ ބައެއް ފިހާރަ ތަކާއި ރެސްޓޯރަންޓް ތަކުގެ އަގުވެސް ޖަހާފައި ހުންނަނީ ޑޮލަރުނެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އަޅުވައި ދިވެހިފައިސާގެ އަގު ހިފެހެއްޓުމަށްޓަކައިވެސް ރާއްޖޭއަށް އެތެރެވާ ބޭރުފައިސާ ބޭންކިން ނިޒާމަށް ވައްދައި ވަކި އުސޫލުތަކަކާއި ކޮންޓްރޯލެއްގެ ތެރެއިން މެނުވީ ބޭރު ފައިސާ ބޭނުން ނުކުރެވުން އެއީ މި މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެކެވެ.
ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ނުޤުތާއަކީ ދިވެހިރާއްޖެއަށް ވެސް ޑޮލަރު ބޭނުންވަނީ މުދަލާއި ޚިދުމަތް އިމްޕޯޓު ކުރުމަށާއި، ބޭރު ޤައުމުތަކަށް ދިވެހިން ދަތުރުކޮށް އުޅޭއިރު އަދި ބޭރުގެ ދަރަނި ދެއްކުމަށެވެ. ޤައުމުތަކުގައި ސެންޓްރަލް ބޭންކް (މަރުކަޒީ ބޭންކް) ހަދާފައިހުންނަނީ ސަރުކާރުގެ ފަރާތުން މިދެންނެވި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށެވެ. އިޤްތިޞާދެއް ހިންގުމުގައި މަރުކަޒީ ބޭންކް އެއީ ނުހަނު ބޮޑު ދައުރެއް ކުޅޭ މުއައްސަސާއެކެވެ. ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ވޭތުވެދިޔަ ސާރުކާރުތަކުގައި މި ހުރިހާ ދުވަހު ބޭރުފައިސާގެ މައްސަލަ ޙައްލު ކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަން ގިނަބަޔަކު ޤަބޫލުކުރާނެއެވެ. ކަން އޮންނަންޖެހޭ ޙަޤީޤަތަކީ ރާއްޖެއަންނަ ފަތުރުވެރިޔާވެސް އޭނާ ހޯދާ ޚިދުމަތަށް އަދި ގަންނަ ތަކެއްޗަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންކަމެވެ. އެއީ މިޤައުމުގެ ލީގަލް ޓެންޑަރ އަކީ އެއީ ކަމަށް ވާތީއެވެ. ރަނގަޅަށް ރެގިޔުލޭޓް ކުރެވޭ ނަމަ އެފަރުތުވެރިޔާގެ ޕޭމަންޓް ދިވެހި ބޭންކެއް މެދުވެރިކޮށް ރިސޯޓުގެ އެކައުންޓަށް ދިވެހިފައިސާއިން ޖަމާވާ ގޮތައް ހެދުމުން ރައްޖެއަށް ވަންނަ ބޭރުފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކްތަކުގައިކަމަށްވާނެއެވެ. ރިސޯޓް އޯނަރުވެސް ބޭރުން އެއްޗެއް އިމްޕޯޓު ކުރަންވީމާ ޖެހޭނީ ބޭންކަށްގޮސް ޑޮލަރު ގަންނާށެވެ. ރައީސް ޑރ. މުއިއްޒު އަމާޒު ހިފާފައި އެހުންނެވީ މިދެންނެވި ގޮތަށް ދިވެހި އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށްޓަކައި ބޭރުފައިސާގެ މުޢާމަލާތްތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ރެގިޔުލޭޓްކޮށް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށެވެ.
ރައީސްގެ ވަޢުދާއި އެއްގޮތަށް މިއަދު ޑެބިޓް ކާޑް ލިމިޓް 500 ޑޮލަރަށް ބޮޑުވެގެން ދިޔައިރު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ކަންބޮޑުވެގެން މިއުޅެނީ ޓެމޫ އަދި އަލިބާބަ ފަދަ ވެބްސައިޓްތަކުން ކުރާ މުޢާމަލާތްތަކަށް %30 ގެ އިތުރު ޗާޖެއް ނަގަން ބޭނުންކުން ނިންމުމުންނެވެ. އެހެނަސް އެގޮތަށް ބޭންކުން ނިންމަން ޖެހުނީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނާލުން މުހިއްމެވެ. ހަޤީޤަތަކީ އަލިބާބާ، ޓެމޫ ފަދަ ޕްލެޓްފޯމުތަކުން މިއަދު އެއްޗެހިގެންނަ ވަރަށްގިނަ ފަރާތްތަކީ އަމިއްލަ ބޭނުމަށް މުދާ ގެނައުމުގެ ބަދަލުގައި ވިޔަފާރި ކުރުމަށް އެތަކެތި ގެންނަ ފަރާތްތައްކަމެވެ. ފޭސްބުކް ޕޭޖް ތަކުގައާއި ވައިބަރ ގުރޫޕްތަކުގައި ތަކެތި ވިއްކަން ޖަހައިގެން ވިޔަފާރި ރަޖިސްޓްރީ ނުކޮށް ސަރުކާރަށް އެއްވެސް ޓެކްސްއެއް ނުދައްކައި މިގޮތަށް ވިޔަފާރި ކުރާ ފަރާތްތަށް ނުހަނު ގިނައެވެ. އަޅުގަނޑު މިދަންނަވަނީ އާއްމުން ވިޔަފާރި ނުކުރާށެކޭ ނޫނެވެ. އެހެނަސް ވިޔަފާރި ރެޖިސްޓްރީނުކޮށް އެ އޮންނަ އުސޫލުން ބޭރުން އެކަން ކުރުމުން ސަރުކާރާއި ރެޖިސްޓަރޑް ވިޔަފާރިތަކަށް އޭގެ ގެއްލުން ކުރިމަތިވާ ވާހަކައެވެ. މިއަދު ވިޔަފާރިއެއް ރެޖިސްޓަރ ކޮށްލުމަކީ އޮންލައިންކޮށް މިނެޓް ކޮޅެއް ތެރޭގައި ކޮށްލެވޭ ކަމެކެވެ. ކުރުކޮށް ދަންނަވަނީ ނަމަ އަޅުގަނޑުމެން ދިވެހިންގެ ކަންމަތީ ފިހާރަތައް ބޭރު ޤައުމުތަކުގެ އޮންލައިން ޝޮޕްތަކަށް ބަދަލުވެ ކޮންމެ ޢާއިލާގެއެއްގެ މަންތްލީ ޝޮޕިންގ ކުރުން ރާއްޖެއިން ބޭރަށް ބަދަލުވުމުން އެކަމުން މަގުފަހިވެގެން ދަނީ ދިވެހިވިޔަފާރިތައް ފުނޑިގެން ދިއުމަށެވެ. ޤައުމެއްގެ އިޤްތިޞާދުގައި އެޤައުމަކަށް ނިސްބަތްވާ ވިޔަފާރިތަކަކީ މުހިއްމު ތަނބު ތަކެއް ކަމަށް ވުމުން އެވިޔަފާރިތަށް ހިމާޔަތް ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށް ފިޔަވަޅުތައް އަޅާނެއެވެ. ސަބަބަކި އެ ވިޔަފާރި ތަކަކީ ސަރުކާރަށް ޓެކްސް ދައްކާ އަދި ވަޒީފާ އުފައްދާ ޢާއްމު ރައްޔިތުންނަށް އާމްދަނީ ލިބުމުގެ މައިގަނޑު އެއް ބަހާ ކަމަށްވާތީއެވެ. ދިވެހި ރައްޔިތުންގެ ގިނަ މީހުން އަތުގައި މިއަދު ޑެބިޓް ކާޑު އޮތް އިރު ކާޑުގެ ޑޮލަރު ލިމިޓް ބޮޑުވުމުން މިދެންނެވި މަގުން ދިވެހިގިނަރައްޔިތުން ރާއްޖޭގެ ފިހާރަތަކުން އެއްޗެހި ގަތުމުގެ ބަދަލުގައި ރާއްޖެއިން ބޭރުން ޝޮޕިންގ ކުރަން ފަށައިފިނަމަ އެކަމުގެ ނޭދެވޭ އަސަރު ދިވެހި އިޤްތިޞާދަށާއި ވިޔަފާރި ތަކަށް ކުރާނެ ކަމީ ޔަޤީންކަމެކެވެ. އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ މިޤައުމުގައި އިތުރަށް އިމްޕޯޓު ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓަށް ކުރާނެއެވެ ޤައުމުން ބޭރުވެގެންދާ ބޭރު ފައިސާގެ ޢަދަދު އިންތިހާއަށް މަތިވެގެން ދާނެއެވެ. އަދި ހަމަ އެއާއިއެކު އޭޓީއެމް ތަކުން ރާއްޖެއިން ބޭރުގައި ފައިސާ ނަގާއިރުވެސް އިތުރު ޗާޖެއް ލާންޖެހޭ އެއްސަބަބަކީ ބޭންކު ރޭޓުގައި ޑޮލަރު ހޯދައިގެން އައިސް ރާއްޖޭގެ ބްލެކް މާކެޓްގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމެވެ. ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ހިފައިގެން ބޭރަށްގޮސް ފައިސާ ވިތްޑްރޯ ކޮށްގެން ރާއްޖޭގެ ބްލެކް މާކެޓްގައި ވިއްކާ ކަމަށް ބޭންކުން ހާމަ ކުރެއެވެ. މި ފިޔަވަޅުތަކަކީ ޢާއްމު ފަރުދެއްގެ ޙައިސިއްޔަތުން ވިސްނާއިރު އިތުރު ތަކުލީފު ތަކެއްގެ ގޮތުގައި ފެނުނަސް ޤައުމެއްގެ ޙައިސިއްޔަތުން އަދި ޤައުމުގެ އިޤްތިޞާދުގެ ދުރު ރާސްތާއަށް ވިސްނާއިރު ރަނގަޅު ނިންމުން ތަކެއްގެ ގޮތުގައި ފެންނާނެއެވެ. އިޤްތިޞާދީ ކަންކަމަކީ އެއްވެސް ކަމެއް ވަކިން ވިސްނައިގެން އޭގެ މަންޒަރު ފެންނާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިޤްތިޞާދެއް ބިނާވެފައިވަނީ އެކި ކަންކަމުގެ މައްޗައް ބިނާވެ ބަރޯސާވެގެން ވަށާޖެހޭ ނިޒާމެއް ގޮތުގައި ކަމަށް ވުމުން މުޅި މަންޒަރު ދެނެގަތުމުގައި ވިސްނުމުގެ ނަޒަރު ފުޅާކުރުން މުހިއްމެވެ.
އުސޫލު ތަކާއި ޤަވާޢިދުތައް ހެދި ތަންފީޒު ކުރާއިރު އެކަމުގެ ނާޖާއީޒް ފައިދާ ނެގިދާނެ ފަދަ ދޮރުތައް ބަންދު ކުރުމަކީ މުހިއްމު ކަމެކެވެ. ކާޑުގެ ޑޮލަރު ލިމިޓް މަތިކުރި މައިގަނޑު ސަބަބަކީ ދިވެހިރައްޔިތުންނަށް ޑޮލަރު ބޭނުންކޮށްގެން ކުރަންޖެހޭ ޒަރޫރީ މުހިއްމު ބޭނުންތައް ކުރުމަށް ބޭނުންވާ ޑޮލަރު އިތުރަށް ހޯދައިދިނުމެވެ. މިގޮތުން އޮންލައިންކޮށް އެއާލައިން ތަކުގެ ޓިކެޓު ގަތުމާއި ރައްޖޭއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން 500 ޑޮލަރާއި ހަމައަށް ޕީއޯއެސް މެޝިންތަކުން ހޮސްޕިޓަލް ތަކާއި ފިހާރަތަކަށް ޕޭމަންޓްތައް ހެދޭނެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި ދިރިއުޅޭ ޢާއިލާތަކަށް އިތުރު ޗާޗެއް ނެތި ފައިސާ އޭޓީއެމުން ނެގޭނެއެވެ. މިއީ އާއްމު ފަރުދުންގެ ފަރުދީ ބޭނުންތައް ފުއްދުމަށްޓަކައި ސަރުކާރުން ހޯދައިދިން ލުޔެކެވެ. ޕާސަނަލް ޑެބިޓް އަދި ކުރެޑިޓް ކާޑުތަކުގެ ދިވެހި ރުފިޔާ އެކައުންޓަށް ދޫކުރާ ޑޮލަރަކީ މިދެންނެވިހެން ފަރުދީ ބޭނުންތައް ކުރުމަށް ދޫކޮށްފައި އޮންނަ ވަޞީލަތަކަށް ވާއިރު އޭގެ ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް މުދާއެތެރެކޮށް ކަންތައްކުރަން ފަށައިފިނަމަ ކާޑު ލިމިޓް ކިތައްމެ ބޮޑުކުރިޔަސް އޮންނީ ނުފުދިފައެވެ. ސަރުކާރުން މަސައްކަތްކުރަމުން އެދަނީ މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ބޭނުންވާ ޑޮލަރު ބޭންކު މެދުވެރިކޮށް ގިނަ ޢަދަދަކަށް ހަމަޖައްސައި ދިނުމަށެވެ. އެގޮތުން މިއަދު ބޭންކުން ނިންމާފައި އެވަނީ ޓީޓީ ޓްރާންސްފަރތަކަށް %30 އާއި ހަމައަށް ބޭންކް ރޭޓުގައި ވިޔަފާރިތަކަށް ޑޮލަރު ދޫކުރުމަށެވެ. މިގޮތަށް ހެދުމުން ވިޔަފާރިތަކަށް ބްލެކް މާކެޓުން ހޯދަން ޖެހޭ ޑޮލަރުގެ ޢަދަދު މަދުވެ ކުރިޔަށް އޮތްތަނުގައި އަގުހެޔޮކޮށް އިމްޕޯޓު ކުރެވި ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވެގެންދާނެއެވެ. އިޤްތިޞާދެއް ހަމަމަގަށް އެޅުވުމަށް އަޅާފިޔަވަޅުތަކުގެ ނަތިޖާއަކީ ކުއްލިއަކަށް އެއްދުސް ދެދުވަހުން ފެންނާނެ ކަމެއް ނޫނެވެ. އެއީ ދިގުމުއްދަތުން ދުރު ރާސްތާގައި އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަންކަމެވެ. ޑޮލަރު މާރު ކުރަންފެށުމަށްފަހު މަދު މަސްތަކެއްގެ ތެރޭގައި މިއަދު މިވަނީ ޑޮލަރ ލިމިޓް މަތިކޮށްފައެވެ.
އަޅުގަނޑުމެން ޑޮލަރުގެ ވާހަކަ ދައްކާއިރު މިތަނުގައި ހަނދާން ކޮށްލަންޖެހޭ ކަމަކީ ރައީސް މުއިއްޒު ވެރިކަމާއި ޙަވާލުވީއިރު ޤައުމުގެ އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅާއި، ވޭތުވެ ދިޔަ 40 އަހަރު ނުދަރާ ވަރަށް މިޤައުމު ވޭތުވެ ދިޔަ ސަރުކާރުން ދަރުވާލާފައި ވާކަމައި، މިދިޔަ ސަރުކާރުން 8 ބިލިޔަން ރުފިޔާ ޕްރިންޓްކޮށް ދިވެހި އިޤްތިޞާދަށް ނެރެފައިވާކަމެވެ. ޤައުމު ބަނގުރޫޓު ވުމުގެ މަގުމަތީގައި އޮއްވާ ޤައުމުގެ އިޤްތިޞާދު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް އަންނަން އޮތް ޖީލުތަކަށް މިޤައުމު މިނިވަންކަމާއިއެކު ވާސިލް ކޮށްދިނުމަށް އިޤްތިޞާދީ ހިންދެމިލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވުމުން އަޅުގަނޑުމެން މިއަދުގެ ޖީލު ކޮންމެވެސް ވަރެއްގެ ވޭނަކާއި ތަދެއް މިކަމުގައި މިއަދު ނޫފުލައި ޤައުމު ސަލާމަތް ކުރެވެން ނެތްކަމެވެ. ބިލިއަން ޑޮލަރުން ދަރަނި ދެއްކުމުގެ ޒިންމާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިއަދު ނަންގަވަމުން ހިކުމަތްތެރި ކަމާއި ކެތްތެރިކަން އިސްކޮށް ރޭވުންތެރިކަމާއިއެކު ތަރައްޤީގެ މަޝްރޫތައްވެސް ފައްޓަވަމުން ގެންދަވާކަމެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާތަނަށް ހިންގަވަމުން ގެންދަވާ އެއްމެ ބޮޑު މަޝްރޫއަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީގެ ކުރިން ދުވަހަކުވެސް ހިންގާފައިނުވާ ވަރުގެ ބޮޑު އަދި މުހިއްމު މަޝްރޫއެކެވެ. އެއީ ޤާނޫނާއި ޤަވާޢިދު ހަރުދަނާކޮށް ރަނގަޅަށް ތަންފީޒު ކުރުމެވެ. އެއްވެސް ތަނެއް ކުރިއަރާ ދާނީ އެތަނެއްގައި ހެދިފައި ހުންނަ ޤަވާޢިދު ތަކާއި އުސޫލުތައް އަދި ޤާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވިގެންނެވެ. ބިދޭސީންގެ މައްސަލައިން ފެށިގެންގޮސް ޑޮލަރު މާރު ކުރުމާއި، ވޭޕް މަނާކޮށް ދުންފަތުގެ ޤާނުނުފަދަ ޤައުމުގެ މުސްތަޤްބަލުގެ ޖީލު ސަލާމަތްކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަންކަން އެއްވެސް ޖެހިލުއްވުމެއްނެތި ކުރައްވަމުން ގެންދިއުމެވެ. ރައީސްގެ ނިންމެވުންތަކުން ފެނިގެންދަނީ އަމިއްލަ އެދުމެއްނެތި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ނުބައްލަވައި އިޚްލާޞްތެރި ކަމާއެކު ނިންމަވާ ނިންމެވުންތައްކަމެވެ. މިޤައުމަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ، އަޚްލާޤް ރަނގަޅު ފުދުންދެރި ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރައްވާ މަސައްކަތެވެ. އެގޮތުން އިޤްތިޞާދީގޮތުން އެމަނިކުފާނު މިއަދު ނިންމަވާ ނިންމެވުން ތަކަކީވެސް މިއަދު އަޅުގަނޑުމެންނަށް އެކަމުން ތަދުތަކަކާއި ދަތިތަކެއް ހުރިކަމެއް ކަމުގައި ވީނަމަވެސް ﷲ އިރާދަކުރެއްވިއްޔާ މި ޤައުމުގެ މުސްތަޤްބަލާއި ކުރިމަގުގެ ޖީލުތަކަށް އުފާ ފަގަތި ކަމާއި އާރޯކަން ގެނުވާނެ ކަންކަންމެވެ.
އެހެންކަމުން މިއަދު ޚާއްޞަކޮށް އަޅުގަނޑުމެން މިސަރުކާރުގެ ސިޔާސީ މަޤާމު ތަކުގައި ތިއްބެވި ފަރާތްތަކުގެ ޒިންމާއަކަށް ވާންވީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި އެމަނިކުފާނު ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެއްވުމަށް ކުރައްވާ ހިތްވަރުގަދަ އަދި ޖެހިލުންކުޑަ މަސައްކަތުގައި އެއްބަރުލުންދިނުމުގައި ސާބިތުވެ ދެމިތިއްބެވުމެވެ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތަކުން ސަރުކާރު ދިފާޢު ކުރުމަށް ޖަޒުބާތުގައި ނުޖެހި ކަމުގެ ހަޤީގަތް ދެނިތިބެ، ރަނގަޅު މަޢްލޫމާތު ހޯދައި ރައްޔިތުންނަށް ވިސްނައިދީ ކަމުގެ އޮތް "ޕޮޒިޓިވް ސައިޑް" ބުނެދިނުމެވެ. ދުޢާއަކީ އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުމާއި ކާމިޔާބީ ﷲ އަބަދުވެސް މިންވަރުކުރައްވައި ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމެވެ.









