ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ އެޕޮއިންޓްމަންޓަށް އެދުމަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 4 ޖުލައި 2025 10:28
ގުޅީފަޅު: ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ޙަވަލުކުރުމަށް އެޕޮއިންޓްމަންޓަށް ވަނީ ހުޅުވާލާފަ.
ގުޅީފަޅު: ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ޙަވަލުކުރުމަށް އެޕޮއިންޓްމަންޓަށް ވަނީ ހުޅުވާލާފަ.
ޚުލާސާ

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ހާމަކުރި.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިކަން ހާމަކުރައްވަމުން ވިދާޅުވީ، އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިނިސްޓްރީން ވަނީ އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ގޮތުގެ ވީޑިއޯއެއް "އެކްސް"ގައި އާންމުކޮށް، އެކަމަށް ބޭނުންވާ މައުލޫމާތު ދެއްވާފައެވެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާއިރު، ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީއާއި، ބަދަލުގައި ދާ ފަރާތެއްނަމަ ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީގެ އަސްލާއި އައިޑީ ކާޑު ކޮޕީއާއި، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައެވެ. މި ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލްކުރެވި، އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެން ގޮސްފައިވާތީ، މިނިސްޓްރީން ފަހުން ގެޒެޓުގައި އާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޕޮއިންޓްމަންޓަށް ހާޒިރުވާއިރު، ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު، އަދި ޕަވާ އޮފް އެޓާނީގެ ދަށުންނަމަ އެޓާނީގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ) އަދި އައިޑީ ކާޑުގެ އަސްލު، އަދި ކުރިން ލިބިފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ އަސްލު ގެންނަން ޖެހޭނެއެވެ. އެޕޮއިންޓްމަންޓްގެ ގަޑިއަށް ފަސް މިނެޓަށްވުރެ ގިނައިރު ފަސްވެއްޖެނަމަ ނުވަތަ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އެޕޮއިންޓްމަންޓްގެ ތަފްސީލު "ހިޔާވެހި ޕޯޓަލް" އާއި އެސްއެމްއެސް މެދުވެރިކޮށް މިނިސްޓްރީން އަންގާނެ ކަމަށް ވެސް ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%