ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން ނިންމި ނިންމުންތަކާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ބޭންކާއި މެދު ނުރުހުން ފާޅުވެ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ރުޅިވެރިކަން އުފެދިފައިވެއެވެ. ނަމަވެސް މި ނިންމުންތަކުގެ ފަހަތުގައިވާ ކަންކަމާއި ނިޔަތް ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކުރުމާއި، އީ-ކޮމާސް ޕްލެޓްފޯމްތަކުގައި އަލަށް ތަޢާރަފްކުރި ޓްރާންސެކްޝަން ފީއާ ގުޅޭގޮތުންނެވެ. އާންމުންނަށް އަދަބު ދިނުމުގެ ބަދަލުގައި ބީއެމްއެލް އިން މަސައްކަތް ކުރަނީ ދުނިޔޭގެ ޕްރެޝަރު އިތުރުވަމުން އަންނަ މާލީ ނިޒާމަކަށް އޮނިގަނޑާއި އިންސާފުވެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ގެނައުމަށެވެ. މިއީ ޙަޤީޤަތެވެ. ބައެއް ސިޔާސީ ފަރާތްތަކުން މިކަން އޮޅުވައިލަނީއެވެ.
ފުރަތަމަ ކަމަކަށް، ބީއެމްއެލް އިން ބައިނަލްއަޤްވާމީ ހުރިހާ މުޢާމަލާތްތަކުން %30 ގެ ބްލެންކެޓް ފީއެއް ނުނަގައެވެ. މި ފީ ނަގާނީ ހަމައެކަނި މަދު އަދަދެއްގެ ރީޓެއިލް ޕްލެޓްފޯމްތަކުންނެވެ. (އެއީ މިސާލަކަށް، ޝެއިން، ޓީމޫ، އަލީއެކްސްޕްރެސް) އެވެ. މުހިންމު ކަމަކީ، ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކާއި، ޓްރެވަލް ކާޑު، ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކުރާ ފަރާތްތަކާއި، އަދި ބިޒްނަސް ޑެބިޓް ކާޑު ގެންގުޅޭ ފަރާތްތަކަށް މި ފީއިން އިސްތިސްނާ ކުރެވިފައިވާ ކަމެވެ.. މި ކާޑު ތަކަކީ މިހާރުވެސް އާންމުންނަށް ލިބެން ހުރި ވަސީލަތްތަކެވެ، މި ކާޑުތައް ބޭނުންކޮށްގެން އިތުރު ފީއެއް ނުނަގައި އެއްވެސް ދަތިކަމެއް ނެތި ވިޔަފާރި ކުރެވެއެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުމަށް އެއްބަޔަކު ބޭރު ގައުމުތަކަށް އެތައް ކާޑެއް ގެންގޮސް، އެތައް ހާސް ޑޮލަރެއް ނަގާފައި ވެއެވެ. މިއީ ދިވެހި އިޤްތިޞާދުގެ ތެރޭގައި އެނބުރޭ ޑޮލަރު ރައްޔިތުންނަށް ލިބުމުގައި ވެސް ހުރަހަކަށް ވާނެ ކަމެކެވެ. އެހެންކަމުން ބޭންކުގެ ޕޮލިސީއަށް ގެނައި ބަދަލާއެކު މިފަދަ ކަންކަން ހުއްޓުވޭއިރު، ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ މަހަކު 750 ޑޮލަރާއި ހަމައަށް ހާސްކަމެއް ނެތި ބޭނުން ކުރެވޭނެއެވެ. އަދި ބޭރުގައި ކިޔަވާ ކުދިންނަށް 1200 ޑޮލަރުގެ ލިމިޓެއް އޮވެއެވެ.
ބޭންކުން މި ފިޔަވަޅު އެޅީ، އޮންލައިން ވިޔަފާރިތަކުގައި މަހެއްގެ މައްޗަށް 40 ވަރަކަށް މިލިއަން ޑޮލަރު ޗައިނާ ފަދަ ޤައުމުތަކަށް ބޭރުވެގެން ދާއިރު އެއިން އެއްވެސް ޓެކުހެއް ޤައުމުގެ މާލީ އިދާރާއަށް ނުލިބި، ކުރާ ވިޔަފާރިން ޖީއެސްޓީ އެއް ނެގޭނެ ގޮތެއްވެސް ނެތިއެވެ. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޮޅުން އަރައި ޝަކުވާ އިތުރުވާތީއެވެ.
މި އާ ކޮންޓްރޯލްތައް ތައާރަފްކޮށްގެން ބީއެމްއެލް އިން ދަނީ ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކާ ގުޅިގެން ފޮރިން ކަރަންސީ މެނޭޖްމަންޓް ހަރުދަނާކުރުމަށާއި މިހާރުވެސް ދަތިވެފައިވާ އިގްތިސާދީ މާހައުލެއްގައި ލީކުވުން މަދުކުރުމަށެވެ. ރާއްޖެއަށް އެހެން ގިނަ ކުދި ގައުމުތަކެކޭ އެއްފަދައިން ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ބޭންކުގެ މި ނިންމުމަކީ ގައުމީ ރިޒާވް ހިމާޔަތް ކުރުމަށް އެހީތެރިވެދޭ ނިންމުމެކެވެ.
މިއީ އާންމުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫނެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބޭންކާއި ދެކޮޅަށް ބަދުބަސް ބުނަމުންދާއިރު އަސްލަށް ރުޖޫޢަވާން އެބަ ޖެހެއެވެ. ބޭންކުން މަސައްކަތް ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙިމާޔަތް ހޯދުމަށެވެ.
ބީއެމްއެލް އިން މިވަނީ އެސްއެމްއީ އަށް ޑޮލަރުން ޓީޓީ ދޫކުރާ މިންވަރު ވެސް %30 އަށް އިތުރުކޮށްފައެވެ. މިއީ އެތެރޭގެ ވިޔަފާރިތަކަށް ލުއިފަސޭހަ މޮށްދިނުމަށެވެ.
އެހެންކަމުން ބީއެމްއެލްގެ އަމަލުތަކަކީ ޤައުމަށާއި ރައްޔިތުންނަށް ފައިދާހުރި، ކަސްޓަމަރުންނަށް އިޚްތިޔާރުތަކެއް ލިބިގެންވާ ފިޔަވަޅެކެވެ. މެދުކެނޑުމެއްނެތި ބައިނަލްއަގްވާމީ މުއާމަލާތްތައް ކުރަން ޖެހޭ ފަރާތްތަކަށް އޮތް ތަޞައްލީއެކެވެ. ޤައުމުގެ އިޤްތިޞާދީ މައިބަދަ ހިމާޔަތްކުރުމަށް ބޭންކުން މި އެޅި ފިޔަވަޅަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަޅަ ފިޔަވަޅެކެވެ. އަޅުގަނޑުމެން ދެނެގަންނަންޖެހޭނީ، އެންމެނަށް ވެސް މާލީ މުސްތަޤްބަލެއް ހޯދައިދިނުމަށް މިފަދަ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. މިއީ އިންސާފުވެރި، އަދި ހަމަޖެހޭ ފިޔަވަޅެކެވެ.