ތިލަފުށީގައި ތަރައްޤީކުރާ 2000 ކޮންޓެއިނަރުގެ ޖާގައިގެ މަޝްރޫއު އަންނަ މަހު ނިމޭނެ: އެމްޕީއެލް

ހުސައިން އިސްމާއިލް | 44 ދުވަސް ކުރިން - 2 ޖުލައި 2025 09:53
ތިލަފުށީގައި ކޮމްޓެއިނަރ ޑެޕޯ ތަރައްޤީކުރާ ސަރަޙައްދު / ފޮޓޯ: އެމްޕީއެލް
ތިލަފުށީގައި ކޮމްޓެއިނަރ ޑެޕޯ ތަރައްޤީކުރާ ސަރަޙައްދު / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެމްޕީއެލްގެ ކޮންޓެއިނަރ ޑެޕޯ ތަރައްޤީކުރަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރާ ސަރަހައްދާ އިންވެގެން. އޮގަސްޓް މެދުތެރެއަށް މަސައްކަތް ނިމޭނެ.

ތިލަފުށީގައި ތަރައްޤީކުރަމުންދާ ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ ނުވަތަ ކޮންޓެއިނަރ ޑެޕޯގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

މާލެއާއި ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުސް ކޮންޓެއިނަރު ބަހައްޓަނެ ޖާގަ ނެތުމުން ތަރައްޤީކުރާ ތިލަފުށި ޑެޕޯއާއި ގުޅޭ ގޮތުން އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، މި މަސައްކަތް އެމްޕީއެލްއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮފައެވެ. މި ފިޔަވަހީގެ ދަށުން 60 މީޓަރުގެ އެތެރެ ތޮައްޓެއް ލުމާއި، އިތުރު 15 މީޓަރުގެ ތޮައްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގައި ކުރެވޭނެއެވެ.

ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް (އައިއެލްޓީ) ގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް އެބަދޭ. އައިއެލްޓީ ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބިން އެއްވަރުކުރުމާއި ކީ ވޯލް އެޅުމުގެ މަސައްކަތްތައް. ‏މިއީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް.

"ފުރަތަމަ ފިޔަވަހީގައި ގްރައުންޑް ލެވެލް ކުރުން މިއިނދީ ނިމިފައި. ދެން 60 މީޓަރު ކީވޯލް ނިންމާ، 15 މީޓަރު ކީ ވޯލް ފަށައިގެން ކުރިއަށްދަނީ. އަޅުގަނޑުމެން ލަފާކުރަނީ ޖުލައި ނިޔަލަށް ފޭސް 1 އެއްކޮށް ނިންމާލެވޭނެ ކަމަށް… ދެވަނަ ފިޔަވަހީގައި އަންނާނީ ފެންސް އައުޓް ކުރުން. އެމްޓީ ޑެޕޯ ކޮންޓެއިނަރ ފޭސް އައުޓް ކުރުން. މިތަނަށް ބޭނުންވާ ސާވިސެސް ހޮޅިއެޅުމާއި، ކަރަންޓާއި ޖެން ޝެޑް އަދި ލައިޓް ޕޯސްޓުތައް ހަރުކުރުން.." އެމްޕީއެލްގެ ޕްރޮޖެކްޓް އިންޖިނިއަރ އަހުމަދު ޒުހޫރު ޒައީމް ވިދާޅުވިއެވެ.

މަސައްކަތުގެ ދެވަނަ ފިޔަވަހީގައި، ތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ތަން ބޭނުން ހިފޭގޮތަށް ހަދާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ކުރާނީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އެ މަސައްކަތް އޯގަސްޓް މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލްއިން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއު ނިމިގެންދާއިރު މާލެ ވިޔަފާރި ބަނދަރަށާއި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެއެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އެމްޕީއެލްއިން މި ހުސް ކޮންޓެއިނަރުތައް ބަހައްޓާ ޑެޕޯ ތަރައްޤީކޮށް ބޭނުން ކުރަން ތައްޔާރުވަމުންދާއިރު، ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެމްޕީއެލްގެ ކޮންޓެއިނަރ ޑެޕޯ ތަރައްޤީކުރަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރާ ސަރަހައްދާ އިންވެގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%