މިއަދު ހެނދުނު ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ ވިޔަފާރިތަކަށް އައު ފުރުޞަތުތައް ހުޅުވައިލުމެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ވިޔަފާރީގެ ގުޅުން ފާހަގަކުރައްވާ، އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ތިރީގައިވާ މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް ވަނީ މި ފޯރަމްގެ މުހިންމު ބައެއްގޮތުގައި އާންމުކުރައްވާފައެވެ.
- ސާފު ހަކަތަ: އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް.
- މަތީ ފަންތީގެ ފަތުރުވެރިކަން: ޒަމާނީ ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ފުރުޞަތުތައް.
- އުމްރާނީ ތަރައްޤީ: ބިންހެޔޮކުރުމާއި، ބަނދަރު ހެދުމާއި، ރަށްގިރުމުން ހިމާޔަތްކުރުން ފަދަ ބޮޑެތި މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް.
- ޑިޖިޓަލް އިޤްތިޞާދު: ޓެކްނޮލޮޖީއާއި ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމުގެ ދާއިރާގައި ހުރި ފުރުޞަތުތައް.
މި ފޯރަމްގެ ތެރެއިން މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެހޮތުން، ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައެވެ.
އަދި، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ދުނިޔޭގެ މަޝްހޫރު ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދުގައި ސޮއި ކުރެވުނެވެ.
މި ޕްރޮގްރާމަކީ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވާލުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ.