ފަލަސްތީނުގެ ޣައްޒާ ބިމުގެ އެކި ސަރަޙައްދުތަކުގައި، ފާއިތުވި 24 ގަޑިއިރު ތެރޭ މަދުވެގެން 95 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. މިއީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޣައްޒާގައި އެންމެ ގިނަ ބަޔަކު ޝަހީދުވި ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. ޝަހީދުވި މީހުންގެ ތެރޭގައި، އެމެރިކާ އަދި އިޒްރޭލުގެ އެހީގައި ހިންގާ އެހީ ދިނުމުގެ މަރުކަޒުތަކުން ކާނާ ހޯދުމަށް މަސައްކަތްކުރި ގިނަ އަދަދެއްގެ ބަޔަކު ހިމެނެއެވެ.
ކާނާ ހޯދުމަށް މަސައްކަތްކުރި އާންމު ރައްޔިތުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދިނުމުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ފާހަގަކުރެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ، ޙަމާސްގެ ހަނގުރާމަވެރިން ތިބޭ ތަންތަން ކަމަށް ބުނެ ޢާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ރޭ އެއްގަމާއި ވައިގެމަގުން ހަމަލާތައް ދީފައެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭ ފަތިހު ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކުން ކާނާ ހޯދުމަށް މަސައްކަތްކުރި 7 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، އެހެން މަސްދަރަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގިނަ ބަޔަކު ތިބި ކެފޭއަކަށް ވެސް ބޮމުގެ ހަމަލާ ދީފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ހުއްޓިފައިވާ އިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހާލުގައި ޖެހި އެހީގެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.









