ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ފުރަތަމަ މަޝްރޫ އާއި އިތުރު މަޝްރޫއުތަކެއްގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ, ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި, ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް މިއަދު ބޭއްވި ބިޒްނަސް ފޯރަމްގަ އެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ, ސާވިސް އެގްރިމަންޓް ފޯ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް, ހެންލޭ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ހެދި އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން ސޮއިކުރެއްވީ ފިލިޕް އާމަރަންޓީ މެނޭޖިން ޕާޓްނާ ހެންލޭ އެންޑް ޕާޓްނާސް މިޑްލް އީސްޓް އެވެ.
ދިވެހި ސަރުކާރާއި ސިންގަޕޯރިއަން ކޯޕަރޭޝަންއާއެކު ވެސް އެއްބަސްވުމެއް ހަދާފައިވެ އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ސިންގަޕޯރިއަން ކޯޕަރޭޝަން އެންޓަޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރު ޓެލިއަން ޗޫ އެވެ.
މިއަދު ބޭއްވި ފޯރަމްގައި ވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ކުރިއަށް ގެންދިއުމުގެ ހުއްދަ މި ވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫއު ކަމަަށްވާ 100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއުގައިވެސް ސޮއިކޮށްފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން 2030 އާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި އެ އެއްބަސްވުން އެކުލަވާލާފައި ވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގަ އެވެ.