ރައީސުލްޖުމްނޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ޒިޔާރަތްކުރައްވައިފި
ރައީސް އޮފީހުން ބުނީ ރައީސްގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުހަބާ ދެންނެވީ އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރު ކްލެމެންޓް އޯން ކަމަށެވެ.
ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް ރައީސްގެ އަނބިކަނބަލުންނަށް ދައްކާލައި އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެމީހުންގެ ތާރީހާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ ތަނެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.