ބީއެމްއެލްގެ %30 ފީ - އަދަބެއް ނޫން! ޝީލްޑެއް!

ޢަބްދުﷲ ޖުނައިދު | 109 ދުވަސް ކުރިން - 30 ޖޫން 2025 21:42
ކުދި ވިޔަފާރިތައް ޙިމާޔަތް ކުރުމަކީ ވާޖިބެއް.
ކުދި ވިޔަފާރިތައް ޙިމާޔަތް ކުރުމަކީ ވާޖިބެއް.
ޚުލާސާ

މަހަކު 20 މިލިއަން ޑޮލަރު ބޭރުކުރަނީ ހަމައެކަނި އޮންލައިނުން ތަކެތި ގަތުމަށް. މިއީ ޤައުމުން ބޭރުވާ ބައިވަރު ޑޮލަރު. ކުދި ވިޔަފާރިތައް ޙިމާޔަތް ކުރެވޭނީ ފިޔަވަޅު އަޅައިގެން.

ބޭންކުގެ ހިސާބުތަކުން އެނގޭ ގޮތުގައި ބޭރުގެ ވެބްސައިޓްތަކުން އޮންލައިންކޮށް ތަކެތި ގަތުމަށް ކޮންމެ މަހަކު ދިވެހިރައްޔިރުން ގާތްގަނޑަކަށް 20-40 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެބަ ޚަރަދު ކުރެއެވެ. މިއީ އަހަރަކަށް ބަލާނަމަ 240 މިލިއަނާއި 480 މިލިއަނާއި ދޭތެރޭގެ ޢަދަދެކެވެ. މި ފައިސާތައް ބެހިގެން މިދަނީ ޓިމޫ، ޝެއިން، އަދި އަލީބާބާ ފަދަ ވެބްސައިޓުތަކަށެވެ. މިހާ ބޮޑު ޢަދަދެއް ކޮންމެ މަހަކު ޤައުމުން ބޭރުކުރުމަކީ ހަމަ ގައިމު ވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވާނޭ ކަމެކެވެ. މި ފައިސާ އަކީ ޤައުމުގެތެރޭގައި ރޯލުވާން ޖެހޭ ފައިސާއަކަށް ހަދަން އެބަ ޖެހެއެވެ.

މިކަން ކޮންޓްރޯލް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހަދާހެން ބޭރުގެ އޮންލައިން މުޢާމަލާތްތަކުން ޗާޖެއް ނެގުމަށް ނިންމާފައެވެ.

ބޭންކުން ބުނީ 6 ސައިޓަކުން ކުރާ ވިޔަފާރިތަކުގެ %30 އާ ހަމައަށް ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށާއި، އެ ސައިޓުތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. ސަބަބަކީ ބޭންކުން ކޮންމެ މަހަކު އެވްރެޖްކޮށް ބޭރުކުރަންޖެހޭ 45 މިލިއަން ޑޮލަރުގެ ތިންބައިކުޅަ އެއްބަޔަކީ މި 6 ސައިޓަށް ދޭންޖެހޭ ފައިސާ އެވެ.

މި 30 ޕަސަންޓް ފީ ނަގަން ފެށުމުން ޢާންމުން މިހާރުވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޙަޤީޤަތަކީ. މިގޮތަށް މިކަން ނުކޮށްފިނަމަ ކުދި ވިޔަފާރިތައް ސީދާ ފުނޑޭނެއެވެ. ސަބަބަކީ އެތަންތަނުން ވިޔަފާރިކުރުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް މި އިސްކުރަނީ ރާއްޖޭގައި ހުރި ޑޮލަރެއް ވިއްޔާ ޚަރަދުކޮށްގެން ބޭރުގެ ވެބްސައިޓުތަކުން ވިޔަފާރިކުރާށެވެ. އެހެންކަމުން ބޭންކުން މި އެޅީ ކުދި ވިޔަފާރިތައް ޙިމާޔަތްކޮށް އިޤްތިޞާދުގައި އަޅައިލި ލޯވަޅެއް ބަންދުކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. އެބޭފުޅުންގެ ބަހުން ނަމަ މިއީ އަދަބެއް ނޫނެވެ. މިއީ އަޅަންޖެހޭ ފިޔަވަޅެކެވެ.

ޓީމޫ އާއި ޝެއިން އަކީ މިހާރަކަށް އައިސް ރާއްޖޭގައި ހުންނަ ގިނަ ޑޮލަރުތައް “ދަމައިގަންނަ” ބަޔެކެވެ. އެހެންކަމުން އޮންލައިންކޮށް ކުރާ މިފަދަ ވިޔަފާރިތަކުން ޗާޖެއް ކުރުމަކީ އިޤްތިޞާދު ޙިމާޔަތް ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެކެވެ.

މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރުވެސް ގިނަ ޤައުމުތަކުގައި އެބަ ގެންގުޅެއެވެ. މިސާލަކަށް އިންޑިއާއިން ވަނީ ޝެއިން މަނާކޮށް، އިމްޕޯޓް ކުރާ މުދަލުން %18 ޖީއެސްޓީ އާއި އެކު ކަސްޓަމްސް ޑިއުޓީ ވެސް ނަގަން ފަށާފައެވެ.

ކުރިއަރަމުން އަންނަ އިޤްތިޞާދެއް ކަމަށްވާ ބްރެޒިލް އަށް ބަލާއިރު ބައިނަލްއަޤްވާމީ އޮންލައިންކޮށް ގަންނަ ހުރިހާ އެއްޗަކުން އެ ޤައުމުން %17 ޓެކްސް ނަގައެވެ.

އިންޑޮނޭޝިއާ އިން ވަނީ އެގައުމުގެ ކުދި ވިޔަފާރިވެރިން ހިމާޔަތް ކުރުމަށްޓަކައި 100 ޑޮލަރަށް ވުރެ ދަށުން އެއްޗެއް އޯޑަރު ކުރާނަމަ އެފަދަ އެއްޗެއް ސީދާ އިމްޕޯޓްކުރުން މަނާކޮށްފައެވެ.

ދެން އޮތީ މެލޭޝިޔާއެވެ. ބޭރުގެ ޕްލެޓްފޯމްތަކުން %6 ޑިޖިޓަލް ސާވިސަސް ޓެކްސް އެޤައުމުން އެ ދަނީ ނަގަމުންނެވެ. އެފަދަ އެތައް ޓެކުހެއް މި ހުރިހާ ޤައުމުތަކުން ވެސް އެބަ ނަގައެވެ. ފީސަބީލިއްލާހިއަށް މިކަންކަން ދޫކޮށްލާފައި އޮތީ ރާއްޖެއިން އެކަންޏެވެ.

ތުރްކީ ވިލާތަށް ބަލާއިރު ކިތަންމެ ކުޑަ އެއްޗެއް އޯޑަރުކުރިޔަސް ވެލިޔު އެޑެޑް ޓެކްސްގެ ގޮތުގައި 20 ޕަސަންޓް އެ ޤައުމުން ނަގައެވެ. ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 30 ޕަސަންޓް ނަގައެވެ. މީގެ އިތުރުން ހޭންޑްލިންގ ފީގެ ނަމުގައި 40 ލީރާ އާއި 60 ލީރާ އާއި ދެމެދުގެ ޢަދަދެއް ނަގައެވެ. މި ސަބަބަބާއި ހުރެ ތުރްކިޔޭގެ ރައްޔިތުން ބޭރުގެ ވެބްސައިޓްތަކުން ވިޔަފާރިއެއް ނުކުރެއެވެ. ނަތީޖާއަކީ ދައުލަތަށް ޓެކްސް ދައްކައިގެން، ޢިމާރާތްތަކަށް ކުލި ދައްކައިގެން އުޅޭ އެޤައުމުގެ ކުދި ވިޔަފާރިތަކަށް ޙިމާޔަތްކަން ލިބުމެވެ.

އެހެންކަމުން މި ޙަޤީޤަތްތަކަށް ބަލާއިރު ބީއެމްއެލްގެ %30 ފީ އަކީ ޤައުމުން ބޭރުވާ ބޭރުފައިސާގެ ޢަދަދު މަދުވެ ކުދި ވިޔަފާރިތައް ޕްރޮމޯޓްކުރެވި، ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ ފަރުވާއެކެވެ. އަދަބެއް ނޫނެވެ. ޝީލްޑެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%