މާދަމާ (1 ޖުލައި 2025) އިން ފެށިގެން، ފްރާންސުގެ ޕާކުތަކާއި ބީޗްތައް ހިމެނޭހެން ކުޑަކުދިން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް، އެފަދަ ޢަމަލުތައް ކުރާ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ފްރާނަސުގެ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގޮތުގައި. ބަސް ސްޓޮޕްތަކާއި، ސްކޫލްތަކާއި، ލައިބްރަރީތަކާއި، އަދި ކުޅިވަރު ކުޅޭ ތަންތަނުގެ ކައިރީގައި ވެސް ސިނގެރޭޓް ބުއިމަކީ މަނަ ކަމެކެވެ. މި ގަވާއިދާއި ޚިލާފުވާ ފަރާތްތަކަށް 135 ޔޫރޯ އާއި 700 ޔޫރޯއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެއެވެ. ދިވެހި ފައިސާއިން ބަލާނަމަ މިވަގުތު ޔޫރޯގެ ބްލެކް މާކެޓް ރޭޓަކީ 25 ރުފިޔާ އެވެ. އެހެންކަމުން ފްރާންސުގައި ސިނގެރޭޓެއް ބޮއެގެން ޖޫރިމަނާ ކޮށްފިނަމަ އެންމެ މަދުވެގެން 3375 ރުފިޔާ ޚަރަދުކުރަން ޖެހޭނެއެވެ. ފްރާންސަކީ ދިވެހިން ވެސް ދިރިއުޅޭ ޤައުމެއްކަން ފާހަގަ ކުރެވެއެވެ.
މާދަމާއިން ފެށިގެން ފްރާންސުގައި ސިނގެރޭޓް މަނާކުރިޔަސް، އިލެކްޓްރޯނިކް ސިނގެރޭޓާއި ވޭޕް ބޭނުންކުރުން ހުއްދައެވެ. ނަމަވެސް އަންނަ އަހަރުގެ މެދުތެރޭގައި މިކަމަށް ވެސް ޤަވާޢިދުތަކެއް ހަދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
އޭއެފްޕީން ބުނީ، މާދަމައިން ފެށިގެން ފްރާންސުގައި ސިނގެރޭޓް މަނާކުރަނީ 2032 ވަނަ އަހަރުގެ ނިޔަލަށް "ސިގިރޭޓުން ސަލާމަތްވެފައިވާ ޖީލެއް" ބިނާކުރުމަށް ފްރާންސުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުންނެވެ.
ފްރާންސްގައި ކޮންމެ އަހަރަކު 75,000 އަށް ވުރެ ގިނަ މީހުން ސިގިރޭޓާއި ގުޅުންހުރި ބަލިތަކުގައި މަރުވެއެވެ. އަދި ސިގިރޭޓާއި ގުޅުންހުރި ހެލްތުކެއަރ އަދި އިޖުތިމާއީ ހޭދަތަކަށް 156 ބިލިއަން ޔޫރޯ އަށް ވުރެ ގިނަ ފައިސާ އެ ޤައުމުން ހޭދަކުރާ ކަމަށް ވެއެވެ.
ފްރާންސުން މި ފިޔަވަޅު އަޅާއިރު، ޔޫރަޕްގެ އިތުރު ގައުމުތަކުންވެސް ވަނީ ޕާކުތަކާއި، ގޮނޑުދޮށްތަކާއި، ސްކޫލްތަކާއި ކައިރީގައި ސިގިރޭޓް ބުއިން މަނާކޮށްފައެވެ. އޭގެ ތެރޭގައި އިޓަލީ، ސްޕެއިން، ޖަރުމަނު، ސްވެޑަން އަދި ނޯވޭ ހިމެނެއެވެ.