ރާއްޖެއާއެކު ވިޔަފާރިއާއި ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލިސްކަމުގައިވާ "ގްރޭންޑް ނެޝަނަލް އެސެންބްލީ އޮފް ތުރްކިޔޭ"ގެ ވަފުދަކުން ޝަޢުގުވެރިކަން ފާޅުކޮށްފިއެވެ. މި ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ވަފުދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.
މި ވަފުދުގައި ރާއްޖެ-ތުރުކީ އިންޓަރޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ދެމެދު އިންޓަރޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުން ގުޅުންބަދަހިކުރުމާ މެދު މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ ގުރޫޕުގައި ގިނަ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވައި، އެއީ ތުރުކީގެ ސިޔާސީ މަޞްރަހަށް ފައިދާހުރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނާނެކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްތީނަށް ޔަހޫދީން ދެމުންގެންދާ އަނިޔާތަކަށް ދެކޮޅަށް ތުރުކީވިލާތުން ޤަބޫލުކުރާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި، އެއީ ރާއްޖެއިންވެސް ޤަބޫލުކުރާ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ވިޔަފާރިއާއި ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އިޤުތިޞާދީ އިސްލާހީ އެޖެންޑާއާއި ޤައުމީ ސިޔާސަތުތައް ކަނޑައެޅުމާއި، އިންވެސްޓްމެންޓާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ތުރުކީވިލާތުގެ ވަފުދުން ވަނީ މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ތުރުކީގެ ވަފުދުން ބައްލަވާކަން ފާހަގަކުރެއްވިއެވެ.









