ދައުލަތުގެ އާމްދަނީ ބޮޑުތަކުން އިތުރުވެ 17.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނީ، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.3 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 13.6 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.4 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، 93.8 ޕަސެންޓް އިތުރުވެފައިވެ އެވެ.
އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 50.0 ޕަސެންޓް އިތުރުވެފައިވެ އެވެ. ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ވަނީ އިތުރުވެފަ އެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 47.7 ޕަސެންޓް އިތުރުވެފައިވެ އެވެ.
މިނިސްޓްރީން ބުނީ އޭގެ މައިގަނޑު ސަބަބަކީ މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 9.5 ޕަސެންޓުން އިތުރުވެ، އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވުން ކަމަށެވެ. އެ އިތުރުވުމާއެކު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8.3 ޕަސެންޓް އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އާމްދަނީގެ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ 45.6 ޕަސެންޓް އިތުރުވެފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި، މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 44.1 ޕަސެންޓް ވަނީ މި މަހު 19 ގެ ނިޔަލަށް ލިބިފަ އެވެ.