ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލް އަންނަ މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާއި ގުޅުވައިގެން ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މި ޓަރމިނަލާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ޝިއުރީ މިހެން ވިދާޅުވީ، އައު ޓަރމިނަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޢާންމުކުރެއްވި ވީޑިއޯ ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވީއައިއޭގެ އައު ޓަރމިނަލާއެކު އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ގިނަ ފުރުޞަތުތަކެއް ފަހިވާނެއެވެ. އަދި މިހާރު ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، އައު ޓަރމިނަލާއެކު ފަތުރުވެރިންގެ އަދަދު އެއަށްވުރެވެސް އިތުރުވާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
"އަޅުގަނޑު ޔަޤީން ކުރަނީ ދުނިޔޭގެ ލެވެލްގައި ފާހަގަކުރެވޭ ޓަރމިނަލަކަށް މި ޓަރމިނަލް ވާނެކަން. މި ޓަރމިނަލުން ޚިދުމަތް ލިބިގަންނަ ފަތުރުވެރިންނަށްވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ގިނަ ތަޖުރިބާތަކެއް ކުރެވޭނެ. ޚިދުމަތްތައް ލިބިގެންދާނެ." ޝިއުރީ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެކެވެ. އެގޮތުން މި ޓަރމިނަލުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ.
ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.