ސިއްހީ ދާއިރާއިން ފަންނީ މީހުން ތަމްރީނުކުރުމަށް ނޭޕާލާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ މަޝްވަރާތައް ކޮށްފައި ވަނީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ނޭޕާލްގެ ހެލްތު މިނިސްޓަރު ޕްރަޑިޕް ޕައުޑެލްއާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް ހާއްސަކޮށް ނާސިން އަދި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީންކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީން އަންނަނީ ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އިތުރު ގައުމުތަކާ އެކުގައި ވެސް މަޝްވަރާތައް ކުރަމުންނެވެ.