ގިނަ އަދަދެއްގެ ނޭޕާލް ރުޕީސްއާއި ބޭރު ގައުމުތަކުގެ ފައިސާއާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ދިވެހި ރައްޔިތަކާއި ނޭޕާލުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. ނޭޕާލުގެ ނޫހެއް ކަމަށްވާ 'ރާތޯޕާޓީ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ 'ސްނޯލައިން ހޮޓެލް' ގައި ތިއްބައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލުގެ ޗިތުވާންގެ ބިސޯނީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް ކިޔާ އަންހެނެކެވެ. ޑިސްޓްރިކްޓް ޕޮލިސް ކޮމްޕްލެކްސް ކަތުމަންޑޫގެ އެސް.ޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެ ހޮޓަލުގައި ގާނޫނާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ފޮރުވާފައި ހުރި ކަމަށް ލިބުނު ޚާއްސަ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޕޮލިސް ސާކަލް ލައިންޗައުރުގެ ފުލުހުން ވަނީ އެ ހޮޓާ ބަލައިފާސްކޮށްފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި އެ ދެ މީހުންގެ އަތުން ނަގުދު ފައިސާގެ ގޮތުގައި ހުރި 5,050,000 (ފަސް މިލިއަން ފަންސާސް ހާސް) ނޭޕާލް ރުޕީސް ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގެ ފައިސާގެ ގޮތުގައި އޮމާންގެ 4,215 ރިޔާލް އާއި، އެކުވެރި އަރަބި އިމާރާތުގެ 55 ދިރުހަމް ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް އެސް.ޕީ ތާޕާ މައުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދިވެހި މީހާއާއި ނޭޕާލް އަންހެން މީހާ މިހާރު ތިބީ ޕޮލިސް ސާކަލް ލައިންޗައުރުގެ ބެލުމުގެ ދަށުގައެވެ. އަދި މިހާ ގިނަ އަދަދެއްގެ ފައިސާ އެ މީހުން ހޯދި ގޮތާއި، އެ ފައިސާގެ އަސްލު މަސްދަރު ދެނެގަތުމަށްޓަކައި ނޭޕާލު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޔުގީތު އަކީ ލަންކާ ޖަލުގައި 8 އަހަރު ވަންދެން ބަންދުކޮށްފައި ހުރުމަށްފަހު ވަރަށް ފަހުން ދޫކޮށްލި މީހެކެވެ. ނަމަވެސް ލަންކާއިން އޭނާ ނޭޕާލަށް ދިޔަ ގޮތެއް އަދި ދިޔައީ ރާއްޖެއިން ދޫކުރި ޓްރެވެލް ޑޮކިއުމެންޓެއްގައި ކަމެއް ސާފެއް ނުވެއެވެ.



