ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާއާއި ނޭޕާލުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމާއި ފަރުބަދަ މަތިން ގަނޑުފެން ފައިބައިގެން ހިނގި ހާދިސާތަކުގައި މަދުވެގެން 19 މީހުން މަރުވެ، 10 މަސައްކަތުމީހުން ގެއްލިއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކުރި ވިއްސާރައިގައި 15 މީހުން މަރުވެ، ފަސް މީހަކަށް ޒަހަމްތަކެއް ލިބިފައިވާކަމަށް އެ ސްޓޭޓުން ބުނެއެވެ. އަދި މި ވިއްސާރައިގައި 117 ގެއަކަށް ގެއްލުން ލިބިފައިވާއިރު، އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް އެ ސަރަހައްދަށް ވާރޭވެހި 63 އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނޭޕާލަށް ބަލާއިރު، ބަގްލުންގް އަވަށުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ފަސްގަނޑު ފޭބުމުގެ ސަބަބުން ތިން ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން ވަނީ މަރުވެފެވެ. މީގެ އިތުރުން، މަނަންގް އަވަށުގައި އޮންނަ 7,126 މީޓަރުގެ އުސްމިން ހުންނަ ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕްގައި ޖަހާފައިހުރި ފޭލިތަކެއްގެ މައްޗަށް ފަރުބަދަ މަތިން ގަނޑުފެން ފައިބައިގެން ދިޔަ ހާދިސާއެއްގައި 10 ނޭޕާލް މަސައްކަތުމީހުން ވަނީ ގެއްލިފެވެ. ހަބަރު ލިބޭގޮތުގައި އެ މަސައްކަތުމީހުން އެ ސަރަހައްދުގައި ތިބީ ފަރުބަދައަށް އެރުމަށް ބޭރު ގައުމުތަކުން އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ފޭލިތައް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ. ހާދިސާ ހިނގި ވަގުތު އެ ފަރާތްތައް އެ ކޭމްޕުގައި ނެތް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ނޭޕާލްގެ މައި ކޯރުތަކުގައި ފެންގަނޑު އުފުލެމުންދާތީ، އެ ގައުމުގެ 77 އަވަށުގެ ތެރެއިން 49 އަވަށުގައި ކުއްލިއަކަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. އަދި އިންޑިއާގައި ވެސް 7 ސްޓޭޓެއްގެ 30 ކޯރެއް މޮނިޓަރކުރާ ސްޓޭޝަންތަކުން ބުނާގޮތުގައި، ގަންގާ، ގަންދަކް، ކޯސީ އަދި ބަގްމަތީ ފަދަ މައިގަނޑު ބޮޑެތި ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންގަނޑަށްވުރެ މައްޗަށް އަރާފައެވެ.









