ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާއާއި ނޭޕާލަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 70 އަށް އަރާފައިވާއިރު، ނޭޕާލުން 11 މީހުން ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތުތަކުން ހާމަކޮށްފިއެވެ. އަދި އިތުރަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގި ހާދިސާތަކުގައި 56 މީހުން މަރުވެފައިވާއިރު، 46 މީހަކަށް ޒަހަމްތައް ލިބި، 1,000 އަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފައެވެ. ސެޕްޓެމްބަރު 25 އިން 27 އަށް އެ ސްޓޭޓަށް 66.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ މި މުއްދަތުގައި އާންމުކޮށް ވާރޭވެހޭ މިންވަރުކަމަށްވާ 7.6 މިލިމީޓަރާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ރެސްކިއު އޮޕަރޭޝަންތައް ހިންގަމުންދާއިރު، ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް ބަލައި ބަދަލު ދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ސެންޓްރަލް ވޯޓަރ ކޮމިޝަނުން ހާމަކުރި ގޮތުގައި، ހަތް ސްޓޭޓެއްގެ 30 ކޯރެއް މޮނިޓަރކުރާ ސްޓޭޝަންތަކުން އަދިވެސް ދައްކަމުންދަނީ ނުރައްކާތެރި ހާލަތެކެވެ. އެގޮތުން ގަންގާ، ގަންދަކް، ކޯސީ، ބަގްމަތީ އަދި ނަރުމަދާ ކޯރުގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންވަރަށްވުރެ މައްޗަށް އަރައިފައެވެ.
ނޭޕާލަށް ބަލާއިރު، މެދުކެނޑުމެއްނެތި ކުރަމުންދާ ވިއްސާރައިގައި 14 މީހުން މަރުވެ، 11 މީހުން ގެއްލިފައިވެއެވެ. ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާތީ، އެ ގައުމުގެ 77 އަވަށުގެ ތެރެއިން 49 އަވަށުގައި ކުއްލިއަކަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މީގެ އިތުރުން، ނޭޕާލްގެ ހަތަރު އަވަށަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، 40 މެގަވޮޓުގެ ހައިޑްރޯޕަވަރ މަޝްރޫއެއްގެ އިންފްރާސްޓްރަކްޗަރަށް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައެވެ. އަދި ބައެއް ސަރަހައްދުތަކުގެ މުއާސަލާތީ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފެވެ.
މި ހާދިސާތަކުގެ އިތުރުން، ނޭޕާލްގެ މަނަންގް އަވަށުގެ 7,126 މީޓަރުގެ އުސްމިން ހުންނަ ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕްގެ މައްޗަށް ގަނޑުފެން ފޭބުމުގެ ސަބަބުން ގެއްލުނު 10 މަސައްކަތުމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ހާދިސާ ހިނގި ވަގުތު އެ މަސައްކަތުމީހުން އެ ސަރަހައްދުގައި ތިބީ ފަރުބަދައަށް އެރުމަށް އަންނަ ބޭރު މީހުންނަށް ފޭލިތައް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ.









