ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ލ.ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ވޭސްޓް ޓު އާޓް" ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގަމުގެ ގޮނޑުދޮށުން 200 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ސާފުކުރުމުގެ މަޤްސަދުގައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ "ވޭސްޓް ޓު އާޓް" ހަރަކާތުގައި، އެ ވުޒާރާގެ އިތުރުން ގިނަ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. މިއަދު ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ލ.އަތޮޅު ކައުންސިލުގެ އިތުރުން އެމްއެންޑީއެފް، އެމްޓީސީސީ، ލ.ގަން ކައުންސިލްގެ އިތުރުންވެސް އެކި މުއައްސަސާތަކުން ޖުމްލަ 220އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން 987.2 ކިލޯގެ ޕްލާސްޓިކާއި އަދި އެހެނިހެން ކުނިތައް ވަނީ ނަގާފައެވެ. ހަރަކާތުގެ ތެރެއިން ނެގުނު ކުނިތައް ރީސައިކަލްކޮށް، ތިމާވެށީގެ މުހިންމުކަން ރަމްޒުކޮށްދޭ އާޓްވޯކްތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި މި އާޓްވޯކްތަކުގެ ތެރެއިން ވަނަވަނަވެސް ވަނީ ހޮވާފައެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ތިމާވެށްޓަށް ގެއްލުންލިބޭފަދަ ކުނި އެޅުމުން ލިބޭނެ ގެއްލުންތަކާމެދު ކުދިން ހޭލުންތެރިކޮށް އެކަން ހުއްޓުވުންކަމަށެވެ.
"އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް. މިއަދުގެ ޝިޢާރާ ގުޅުވައިގެން އަޅުގަނޑުމެން ކުރިއަށްގެންދާ އެއް ހަރަކާތް މިއީ ޕްލާސްޓިކާބެހޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުން،" ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.