ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ މާކެޓަށް އިތުރަށް ފުޅާކުރުމަށް އެ ގައުމުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓްރެވަލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް)އާ ރަސްމީކޮށް ގުޅިއްޖެ އެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެކަން އިއުލާންކޮށްފަ އެވެ.
ޓްރެވެލްސްކައި އަކީ އެއާލައިންތަކަށާއި ޓްރެވަލް އޭޖެންސީތަކަށް ޓިކެޓް ރިޒާވްކުރުމާއި ފުރުމުގެ ކަންކަން ބެލެހެއްޓުމާއި ޑިސްޓްރިބިއުޝަންގެ އިތުރުން މެނޭޖްމެންޓުގެ ހިދުމަތްތައް ފޯރުކޮށްދޭ ޗައިނާގެ ވަރުގަދަ ކުންފުންޏެކެވެ.
އެ ހިދުމަތާ ގުޅުމުން ޗައިނާގައި ތިބި އައިއޭޓީއޭއިން އެކްރެޑިޓްކޮށްފައިވާ އޭޖެންޓުންނަށް މިހާރު ޓްރެވެލްސްކައި ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ އީ-ޓިކެޓް ފަސޭހަކަމާއެކު ދޫކުރެވޭނެ އެވެ.
މޯލްޑިވިއަނުން ބުނީ މި ޕާޓްނާޝިޕްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ޗައިނާއަކީ މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު އޭ330 ގައި ޗައިނާގެ ތިން މަންޒިލަކަށް މިހާރު ދަތުރުތައް ކުރެ އެވެ. އެއީ ބެއިޖިން އާއި ޝަންހާއި އަދި ޗެންޑޫ އެވެ.









