“ޢާޝޫރާ ދުޢާ”އަކީ ބިދުޢައެއް! އެންގެވީ ޢާޝޫރާ ރޯދަ ހިފުމަށް

އައިޝަތު އީމާން | 5 ގަޑިއިރު ކުރިން - 27 ޖޫން 2025 13:00
ހުކުރު ޚުޠުބާ އަޑުއަހަން މީސްތަކުން މިސްކިތުގައި.
ހުކުރު ޚުޠުބާ އަޑުއަހަން މީސްތަކުން މިސްކިތުގައި.
ޚުލާސާ

"ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައި ނެތް.

އަޅުގަނޑުމެން ދިރިއުޅޭ މި މުޖުތަމަޢުގައި ދީނީ ރިވެތި އުޞޫލުތަކާއި، އަޚްލާޤީ މާތް ސިފަތައް އަށަގަންނުވައި، ދިރާސާކުރުމަށް އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެއެވެ. މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވައިލައްވައިފައިވަނީ އިސްލާމީ އާ އަހަރު ފެށިގެން އައިސްފައިވާ މި މުޙައްރަމް މަހުގައި ހިމެނޭ މާތް ދުވަހެއް ކަމުގައިވާ ޢާޝޫރާ ދުވަހުގެ މާތްކަމާއި، އެ ދުވަހުން ލިބިގަންނަންވީ ފިލާވަޅުތަކަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. މި ދުވަހަކީ، މާތް ﷲ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ބަނީ އިސްރާއީލު ބާގައި މީހުން މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ބިޔަ ލަޝްކަރީން އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ނުކުތެވެ. ނަމަވެސް، މާތް ﷲ ގެ ކުޅަދުންވަންތަކަމުން، މޫސާގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން، ކަނޑުގެ މެދުން މަގުތަކެއް އުފެދި، ބަނީ އިސްރާއީލު ބާގައި މީހުން ސަލާމަތްވެއްޖެއެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު މި މަގުތަކަށް ވަދެ ނިމުމުން، މާތް ﷲ އެ ކަނޑު ކުރީން އޮތް ގޮތަށް ބަދަލުކުރެއްވީ އެވެ.

މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވެއެވެ. ޚުޠުބާގައި ބަޔާންކުރެއްވި އެންމެ މުހިންމު ފިލާވަޅުތަކުގެ ތެރޭގައި ހިމެނެނީ: މާތް ﷲ އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާނެކަމެވެ. މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށާއި، އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމަށް ވެއެވެ. އަދި މާތް ﷲއަށް އިތުބާރުކޮށް، އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއްނެތްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް ﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި ނެތިކުރައްވާނެކަމާއި، އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނެކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަމެވެ.

ޚުޠުބާގައި ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި އިރު އެ ރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާލުކުރެއްވިއެވެ. އެއީ، އެ ދުވަހު މާތް ﷲ މޫސާގެފާނު ސަލާމަތްކުރައްވައިފައި ވާތީކަމަށް އެކަލޭގެފާނަށް ދެންނެވުމުން، ޙަދީޘްކުރެއްވިއެވެ. (فَأَنَا أَحَقُّ بِـمُوْسَى مِنْكُمْ) މާނައީ: "ތިޔަބައިމީހުންނަށް ވުރެ، مُوْسَىގެފާނަށް ޓަކައި ތިޔަކަންކުރުން ޙައްޤުކަން ބޮޑީ ތިމަން ކަލޭގެފާނެވެ." ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ޘަވާބު ބަޔާންކޮށްދެއްވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّـتِـيْ قَبْلَهُ) މާނައީ: "އަދި عَاشُوْرَاء ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއްކަމުގައި ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާ ދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައި ނެތް ކަމަށެވެ. މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެކެވެ.

ދީނުގެތެރެއަށް އަލަށް ވަންނަ ކަންކަމަކީ ބިދުޢައެވެ. ޢާޝޫރާ ދުވަހު ވަކި ޚާއްޞަ ދުޢާއެއް ކުރުމާއި ވަކިކަހަލަ އަޅުކަންތަކެއް ހަމައެކަނި އެދުވަހު ކުރުމަކީ ބިދުޢައެކެވެ. ދީނުގައި އަންގަވާފައި ވަނީ އެދުވަހުގެ ރޯދަ ހިފުމުގެ މާތްކަމެވެ.

ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْـمُحَرَّمُ) މާނައީ: "ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲގެ މައްސަރުކަމުގައިވާ މުޙައްރަމު މަހެވެ." މި މަސް، މާތް ﷲގެ ޛާތުފުޅަށް ނިސްބަތްކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގެއެވެ.

ޚުޠުބާގައި ގޮވާލެއްވީ މި މާތް ދުވަހުގެ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކޮށް، ހެޔޮ ޢަމަލުތަކަށް އަހަރެމެންގެ ހިތްތައް އަނބުރާލުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%