ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ކޮންފަރަންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހު 30 އިން އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ސްޕެއިންގެ ސެވިލްގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވެވުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަދަ މަންސަތަކުގައި، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ވެސް އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރެންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެފްއެފް.ޑީ 4 އަކީ މާލީ އިސްލާހާ މެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކާއި އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ތިންވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށް ގެންދިޔައީ 2015 ވަނަ އަހަރު، އިތިއޯޕިއާގެ އަޑިސް އަބަބާގަ އެވެ.