ގިނަ އަހަރުތަކެއް ވަންދެން ވަރުގަދަ އިޤްތިޞާދީ ގުޅުންތަކެއް ބާއްވަމުން އައިސްފައިވާ ދެ ޤައުމު ކަމަށްވާ ތުރުކީއާއި އިޒްރޭލާ ދެމެދު ކުރާ ވިޔަފާރި، ތުރުކީން މުޅިން ހުއްޓާލީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. 2022 ވަނަ އަހަރު ތުރުކީން އިޒްރޭލަށް އެކްސްޕޯޓްކުރި މުދަލުން 276 ބިލިއަން ލީރާ ލިބުނެވެ. އެހެންނަމަވެސް މިއަހަރުގެ މެދާ ހަމައަށް އައިރު ތުރުކީން އިޒްރޭލާއި ވިޔަފާރީގެ ގުޅުން މުޅިން ކަނޑާލުމުގެ ސަބަބުން އިޒްރޭލުން ތުރުކީއަށް ލިބުނު އާމްދަނީގެ ޢަދަދު ވަނީ ސުމަކާއި ގާތަށް ވެއްޓިފައެވެ.
ތުރުކީ އަކީ މުސްލިމު ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން އިޒްރޭލަށް މުދާ އެކްސްޕޯޓް ކުރަމުން ދިޔަ ޤައުމެވެ. 2022 ވަނަ އަހަރު ދެ ޤައުމުގެ މެދުގައި ކުރެވުނު ވިޔަފާރީގެ ޖުމްލަ އަގު 370 ބިލިއަން ލީރާ އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތައަކީ ތުރުކީން އެކްސްޕޯޓްކުރި މުދަލެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް އިތުރުވަމުން ދިޔަ ނަމަވެސް، 2023 ވަނަ އަހަރު ވެސް އިޒްރޭލަށް ތުރުކީން ކުރި އެކްސްޕޯޓްތައް 5.3 ބިލިއަން ޑޮލަރަށް އެރިއެވެ.

ތުރުކީން އިޒްރޭލާއެކު ކޮށްފައިވާ ވިޔަފާރި ކުއްލިޔަކަށް ވަނީ ހުއްޓަލާފައި.
ތުރުކީން އެންމެ ގިނައިން އިސްރާއީލަށް ގެންދަނީ ކޮން އެއްޗެއް؟
ތަފާސް ހިސާބުތަކަށް ބަލާއިރު ތުރުކީން އިޒްރޭލަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ސިނާއީ އަދި އިމާރާތްކުރުމާ ގުޅުންހުރި މުދަލެވެ.
ތުރުކީން އިޒްރޭލަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ މުދާ (2024)
- އުޅަނދުފަހަރު (ރޭލު، ޓްރެމް ފިޔަވައި) – 196 މިލިއަން ޑޮލަރު
- ޕްލާސްޓިކް – 124 މިލިއަން ޑޮލަރު
- އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނު – 112 މިލިއަން ޑޮލަރު
- ދަގަނޑާއި ހިލަ – 93 މިލިއަން ޑޮލަރު
- ގާ، މެޓަލް، – 77 މިލިއަން ޑޮލަރު
- މެޝިނަރީ، ނިއުކްލިއަރ ރިއެކްޓަރު، – 73 މިލިއަން ޑޮލަރު
- ކޮންސްޓްރަކްޝަން ސާމާނު (ހިލަ، ސިމެންތި ފަދަ ތަކެތި) – 59 މިލިއަން ޑޮލަރު
- ކަރުދާސް އަދި އެއާ ގުޅުންހުރި ތަކެތި – 57 މިލިއަން ޑޮލަރު
ނަމަވެސް، 2024 ވަނަ އަހަރުގެ ކުރީކޮޅު، ރަސްމީކޮށް ވިޔަފާރި ހުއްޓާލުމުގެ ކުރިން ވެސް އިޒްރޭލަށް ތުރުކީން ކުރި އެކްސްޕޯޓްތައް ބޮޑުތަނުން ދަށްވެ، 2.86 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ތުރުކީގެ ރައީސް އެރްދޮޣާންގެ ސަރުކާރުން ވަނީ، ޣައްޒާގައި އިޒްރޭލުން ހިންގާ ޖަރީމާއާއި ގުޅިގެން، އިޒްރޭލާއެކު ކުރާ ހުރިހާ އެކްސްޕޯޓްތަކާއި އިމްޕޯޓްތައް މުޅިން ހުއްޓާލައިފި ކަމަށް އިއުލާންކޮށްފައެވެ. ތުރުކީގެ ވިޔަފާރިއާ ބެހޭ މިނިސްޓްރީން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް ވެސް އެކްސްޕޯޓްތައް 1.52 ބިލިއަން ޑޮލަރަށް ދަށްވެފައިވެއެވެ.

ތުރުކީގެ ވިޔަފާރި ބަނދަރުގައި މުދާ ކޮންޓެއިނަރުތަކެއް.
އެއްބައި ރިޕޯޓްތަކުން ބުނާ ގޮތުގައި ތުރުކީގެ މުދާ ތިންވަނަ ފަރާތެއްގެ ޤައުމުތައް މެދުވެރިކޮށް އިޒްރޭލަށް ފޯރުކޮށްދެމުންދާ ކަމަށް ވިޔަސް، ސީދާ ވިޔަފާރީގެ ގުޅުން ވަނީ މުޅިން ކެނޑިފައެވެ. 2025 ވަނަ އަހަރުން ފެށިގެން، ދެ ޤައުމުގެ މެދުގައި ރަސްމީ އެއްވެސް ވިޔަފާރިއެއް ނެތެވެ. މިއާއެކު، ޒާމާންތަކެއް ވަންދެން އޮތް އިޤްތިޞާދީ ގުޅުން ވަނީ މުޅިން ނިމުމަކަށް އައިސްފައެވެ.
2022 ވަނަ އަހަރުގެ 276 ބިލިއަނުން މިއަހަރާއި ހަމައަށް ވިޔަފާރި ގާތްގަނޑަކަށް ސުމަކަށް ވެއްޓުން ފާހަގަވަނީ، އިޒްރޭލާއި ޣައްޒާގެ މައްސަލައާއި ގުޅިގެން މެދުއިރުމަތީގައި ނެގުނު އެންމެ މުހިންމު އިޤްތިޞާދީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ކޮންމެވެސް ވަރަކަށް ބާއްވާ ކަމަށެވެ. ނަމަވެސް މިކަމުގައި އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އެރްދޮޣާން ވިދާޅުވަނީ އެފަދަ ވާހަކަ ތަކަކީ ސިޔާސީ ގޮތުން އޭނާ ކަތިލުމަށް ދައްކާ ވާހަކަތައް ކަމަށެވެ.









