ރައީސް ޑރ. މުހައްމަދު މުއިއްޒު, ހިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ 1447 ވަނަ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް, ރައީސް ޑރ. މުއިއްޒު ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ.
މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މި އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން، މާތްﷲގެ ރަހުމަތާއި ތެދުމަގު، ހުރިހާ މުސްލިމް ގައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ އެ މެސެޖުތަކުގައި ވެސް، ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި އަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމައުތަކަށް ސުލްހަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން, އެ މެސެޖުތައް ނިންމަވާލައްވަމުން ރައީސް ދުއާ ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.