ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މިއަދު އެ އަތޮޅުގައި އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
"މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ހަމަ އެއާއެކު، އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް އެ އަތޮޅުގައި ވެސް އެ ހިދުމަތް ފަށާނެ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ވެސް ފުއްދާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅާއެކު އެމްޓީސީސީން އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު ވަނީ 10 އަކަށް އަރައިފަ އެވެ.
ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަ އަދި ޖީބަށް ލުއިވާނެ ގޮތް ހެދުމަށް ފެށި މި މަޝްރޫއަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.