ކުލަބް ވޯލްޑް ކަޕް: އިންޓަރ މިލާން އަދި ޑޯޓްމަންޑު ދެވަނަ ބުރަށް

އައިޝަތު ރުވާ ރިފްޢަތު | 52 ދުވަސް ކުރިން - 26 ޖޫން 2025 15:29
އިންޓަރ މިލާނާއި ރިވަރ ޕްލޭޓް ބައްދަލުކުރި މެޗުގެ ތެރެއިން.
އިންޓަރ މިލާނާއި ރިވަރ ޕްލޭޓް ބައްދަލުކުރި މެޗުގެ ތެރެއިން.
ޚުލާސާ

އިންޓަރ މިލާން އަދި ޑޯޓުމަންޑުވެސް ދެވަނަ ބުރަށް ދިޔައީ އެ ދެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި. ދެން ދިޔައީ މޮންޓެރޭ އާއި ފްލުމިނޭސޭ.

ފީފާ ކުލަބް ވޯލްޑު ކަޕުގެ ދެވަނަ ބުރުގެ ޖާގަ ފަސޭހަކަމާއެކު އިންޓަރ މިލާން އަދި ބްރޫޝިއާ ޑޯޓުމަންޑު ކަށަވަރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ މި ދެޓީމު ނިސްބަތްވާ ގްރޫޕް އީ އަދި ގްރޫޕް އެފްގެ މެޗުތައް ކުޅެފައިވާއިރު އިންޓަރ މިލާން ބައްދަލު ކުރީ ރިވަރ ޕްލޭޓާއިއެވެ. އެ މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އިންޓަރ މިލާނެވެ. ރިވަރ ޕްލޭޓަށް ދެ ރަތް ކާޑު ފެނިގެން ދިޔަ މި މެޗުގައި ގޯލުތައް ކާމިޔާބުކުރީ ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯއާއި އެލެސަންޑްރޯ ބަސްޓޮނީއެވެ.

ގްރޫޕް އީ ގައި ދެން ވާދަކުރީ މޮންޓެރޭއާއި ޔުރާވާ ރެޑް ޑައިމަންޑެވެ. 0-4 ގެ ނަތީއަކުން މި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ގްރޫޕްގެ ދެވަނަ ހޯދައި ދެވަނަ ބުރުގެ ޖާގަ ހޯދި މެކްސިކޯގެ މޮންޓެރޭއެވެ. މި މެޗުގައި ޖާމަން ބާޓެރާމޭ ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު ދެން ގޯލުތައް ޖެހީ ނެލްސަން ޑިއޯސާ އަދި ޖީސަސް ކޮރޯނާއެވެ.

ގްރޫޕް އެފް އަށް ބަލާއިރު ސައުތް ކޮރެއާގެ އުލްސަން ހިޔުންޑާއި ކޮޅަށް ޑޯޓުމަންޑަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. 0-1 ގެ ނަތީޖާއިން ނިމުނު މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ 36 ވަނަ މިނެޓުގައި ޑެނިއަލް ސްވެންސަނެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ބްރެޒިލްގެ ފްލުމިނޭސޭ އާއި ސައުތް އެފްރިކާގެ މަމެލޮޑީ ސަންޑައުންސް އެފްސީ ބައްދަލުކުރި މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ޖުމްލަ 5 ޕޮއިންޓާއެކު ދެވަނަ ހޯދައިގެން ފްލުމިނޭސޭ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ދެވަނަ ބުރުގެ މެޗުތައް އަންނަ ހަފްތާގައި ކުޅޭއިރު ޑޯޓުމަންޑު ވާދަކުރާނީ މޮންޓެރޭއާއެވެ. އަދި އިންޓަރ މިލާން ކުޅޭނީ ފްލުމިނޭސޭއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކަމަށްވާ ގްރޫޕް ޖީ އަދި އެޗްގެ ގެ މެޗުތައް މިރޭ ކުޅޭނެ އިރު ރިއަލް މެޑްރިޑް ނިކުންނާނީ އޮސްޓްރިއާގެ ސަލްސްބާގާއި ދެކޮޅަށެވެ. އަދި ސައޫދީގެ އަލް ހިލާލް ނިކުންނާނީ މެކްސިކޯގެ ޕަޗޫކާ ދެކޮޅަށެވެ. ގްރޫޕް އެޗްގައި މެންޗެސްޓަރ ސިޓީ ނިކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. އަދި މޮރޮކޯގެ ކަސަބްލާންކާ ނިކުންނާނީ ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%