ޕެރިސް: ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި، ވާދަވެރި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބަޔާން މިއުނިކުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޕީއެސްޖީގެ ވިލިއަމް ޕާޗޯ، ބަޔާންގެ ލުއިސް ޑިއާޒްއަށް ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީ، ހެރީ ކޭން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 54 ވަނަ ލަނޑެވެ. މިއާއެކު ކޭން ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއަށެވެ.
ބަޔާންގެ މައިކަލް އޮލީސޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕީއެސްޖީގެ ކީޕަރު ސަފޮނޯވް ދިފާއުކުރިތާ މާގިނަ އިރެއް ނުވެ، ޕީއެސްޖީގެ ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އޮސްމާނޭ ޑެމްބެލޭ ނެގި ކޯނަރަކުން ޖޮއާއޮ ނޭވޭސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދީފައެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އޮލީސޭ ވަނީ ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ އަލްފޮންސޯ ޑޭވީސް އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީއަކުން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް އަލުން ކުރި ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ކްވަރަޓްސްކޭލިއާ އާއި ޑެމްބެލޭ ވަނީ އިތުރު ދެ ލަނޑު ޖަހައި، ޕީއެސްޖީގެ ލީޑު 5-2 އަށް ފުޅާކޮށްފައެވެ. އެހެންނަމަވެސް ބަޔާންއިން އުއްމީދު ކަނޑައެއް ނުލައެވެ. ޑަޔޮޓް އުޕަމެކާނޯ އާއި ލުއިސް ޑިއާޒް ޖެހި ލަނޑުތަކާއެކު ނަތީޖާގެ ފަރަގު ވަނީ އެއް ގޯލަށް ކުޑަވެފައެވެ. ޑިއާޒްގެ މި ލަނޑަކީ ބަޔާންގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ ޑިއާޒް، ކޭން އަދި އޮލީސޭ މި ސީޒަނުގައި ޖެހި ޖުމްލަ 100 ވަނަ ލަނޑެވެ.
މި މެޗަކީ ޕީއެސްޖީން ޗެމްޕިއަންސް ލީގުގައި ހޯދި 100 ވަނަ މޮޅެވެ. އަދި މިއީ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ މި މުބާރާތުގައި ހޯދި 50 ވަނަ މޮޅެވެ. އޭނާ މި އަދަދަށް މޮޅުވެފައިވަނީ އެންމެ 77 މެޗުންނެވެ. މިއީ މުބާރާތުގެ ތާރީޚުގައި ކޯޗަކު މިހާ އަވަހަށް 50 މޮޅު ހަމަކުރި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއެކު، ބަޔާން އަތުން ޖެހިޖެހިގެން ފަސް މެޗުން ބަލިވެފައި އޮތް އޮތުމަށް ޕީއެސްޖީން ވަނީ ނިމުމެއް ގެނެސްފައެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބަޔާންގެ އެލިއަންޒް އެރީނާގައެވެ.










