ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުތުމަށް ބަޔާން މިއުނިކް ތައްޔާރުވެއްޖެ އެވެ.
ބަޔާން މިއުނިކް ކުއާޓާ ފައިނަލުން ޖާގަ ހޯދީ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 2-10 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. ދެވަނަ ލެގުގައި މިރޭ ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ބަޔާންގެ ފަރާތުން ފެނިގެންދިޔަ ގޯލުތަކަށް ބަލާއިރު، މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އޭގެ ފަހުން މެޗުގެ 54 ވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ބަޔާންގެ ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި ލެނާޓް ކާލް ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒް އެވެ. އެޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލަޒާ ސަމާޑްޒިޗް އެވެ.
ބަޔާންއާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ނުކުންނަ ރެއާލް މެޑްރިޑުން ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ 1-2 އިން ބަލިކޮށްފައެވެ. މިއާއެކު ދެ ލެގުގެ އެގްރިގޭޓް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ރެއާލް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރެއް ކަމަށްވާ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުގައި ބައްދަލުކުރާ މެޗަކީ ފުޓްބޯޅަ ސަޕޯޓަރުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެ އެވެ.










