މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓް އިއްޔެ ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފް ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ސިވެކްގެ ލޭންޑިން ކްރާފްޓް "އެލްސީ 308" އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ. އެ ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 10:30 ހާއިރެވެ.
އެ އުޅަނދުން ހަ މީހުން ދަތުރުކުރި އިރު، އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ.
އިއްޔެ އެމްއެންޑީއެފުން ކުރި މަސައްކަތުން އެތަނުން އެކަކު ހޯދުނުއިރު އެ މީހާ އޮތީ ނިޔާވެފައެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ޙާމިދެވެ.
އެމްއެންޑީއެފުން ބުނީ ޅ. އަތޮޅު ހޮސްޕިޓަލަށް ޙާމިދު ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށެވެ. ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައި ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ.