ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވަނީ - ލަންކާ މީޑިއާ

ހުސައިން އިސްމާއިލް | 7 ގަޑިއިރު ކުރިން - 26 ޖޫން 2025 08:16
ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ.
ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ.
ޚުލާސާ

ލަންކާގެ ރައީސް އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފި.

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅުންތަކުގެ ދާއިރާ ފުޅާކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ބޭއްވުން ކަމަށް މައުލޫމާތު ލިބެ އެވެ.

ލަންކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ރައީސް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. މިއީ އެ މަނިކުފާނު ލަންކާގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިދިޔަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެ މަނިކުފާނު ބޭރު ގައުމަކަށް ކުރައްވާ ހަވަނަ ރަސްމީ ދަތުރުފުޅެވެ.

ރައީސް ޑިސަނަޔަކެގެ މި ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، މިހާރު ހުށަހަޅާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ނުވަތަ ޖުލައި 26 ގެ ރަސްމިއްޔާތުތަކަށް ފަހު އެ މަނިކުފާނު ވަޑައިގެންނެވުމަށް ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންނެވުމަށް ވިސްނާފައިވަނީ ޖުލައި 29 ގައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. ޖުލައި 29 އަކީ ރާއްޖެއާއި ލަންކާގެ ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭ ދުވަހެވެ.

ނަމަވެސް، މި ދަތުރުފުޅާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމަކު، މި ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އިންޑިއާގެ ނުވަތަ ދިވެހި ސަރުކާރުން ވެސް ރަސްމީކޮށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%